އެސްއެސްމީޑިއާ އާއި މަޓީ ގުޅިގެން 'ރީތި ރާއްޖެ' ކެންޕެއިން ފަށަނީ

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެސްއެސް މީޑީއާ އާއި މަޓީ ގުޅިގެން 'ރީތި ރާއްޖެ' ކެންޕެއިނެއް ފަށަނީ --- ސަން ފޮޓޯ

ރާއްޖޭގެ މާހައުލު ސާފުކޮށް ދެމެހެއްޓުމަށް "ރީތި ރާއްޖެ"ގެ ނަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ކުރިއަށް ގެންދާ ކެމްޕެއިންގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖައްސައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓު އޮފިސަރު މުހައްމަދު ޒަހީނެވެ. މަޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރެވެ.

އަހަރު ދުވަހަށް ކުރިއަށް ގެންދާ މި ހަރަކާތާ ގުޅުވައި މަޓީގެ މަޓީގެ ޑެޕިއުޓީ އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ޔާސިރު ވިދާޅުވީ، މި ކެމްޕެއިނުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އާންމު ފަރުދުންނާ ގުޅިގެން ކުނި މެނޭޖުކުރުމުގެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ.

މަޓީގެ ޑެޕިއުޓީ އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ޔާސިރު : އެސްއެސްޓީވީއާއި މަޓީ ގުޅިގެން 'ރީތި ރާއްޖެ' ކެންޕެއިނެއް ފަށަނީ --- ސަން ފޮޓޯ

އެގޮތުން، ތަންތަން ސާފު ކުރުމުގެ ބަދަލުގައި ކުނީގެ މައްސަލަ ހައްލު ކުރުމަށް ޖަމިއްޔާތަކަށް ކުރެވެން ހުރި ކަންކަމާ ގުޅިގެން ޖަމިއްޔާތަކާއި ރައްޔިތުން ހޭލުންތެރި ކުރަން ބޭނުންވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ފޯކަސް ކުރާނަން އެކި ބާވަތުގެ ކުނި ވަކި ކޮށްގެން ރިސައިކަލް ކުރުމުގެ މުހިންމުކަމަށް. ރިސައިކަލް ކުރާ އެކި ފަރާތްތައް އެބަ އުޅޭ. އެތަކެތި ކަލެކްޓު ކުރާ ފަރާތްތައް އެބަ އުޅޭ މިހާރު ރާއްޖޭގައި" ޔާސިރު ވިދާޅުވިއެވެ.

ހަރަކާތް ނިމިގެންދާއިރު، ފަރުދީ ލެވެލްއެއްގައާއި ހުރިހާ ފަރާތްތައް ގުޅިގެން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރާތަން ފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ޔާސިރު ވިދާޅުވިއެވެ.

ކެންޕެއިންގެ ހަރަކާތްތަކަށް ހަދާ ޕްރޮގްރާމްގެ ޕްރޮޑިއުސާ ސާރާ: އެސްއެސްޓީވީއާއި މަޓީ ގުޅިގެން 'ރީތި ރާއްޖެ' ކެންޕެއިނެއް ފަށަނީ --- ސަން ފޮޓޯ

މި ކެންޕެއިން ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުން ކަމަށްވާއިރު، ހުރިހާ އަތޮޅެއްގައި މި ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ.

މީގެއިތުރުން، މި ހަރަކާތަށް ކަމާ ބެހޭ އިދާރާތަކުގެ އެހީތެރިކަން ލިބޭކަން ޔާސިރު ވަނީ ފާހަގަކުރައްވާފައެވެ.

މި ކެންޕެއިންގެ ދަށުން ކުރިއަށް ގެންދާ ހަރާކާތްތަކަށް ޕްރޮގްރާމެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން، ޑޮކިއުމަންޓު ސްޓައިލަށް ހެދުމަށް ނިންމާފައިވާ މި ޕްރޮގްރާމްގެ ދަށުން ކެންޕެއިނާ ގުޅުވައި މީހުން ހޭލުންތެރި ކުރުމަށް މައުލޫމާތު ފޯރުކޮށްދޭނެއެވެ.

comment ކޮމެންޓް