ހުދުފިނިފެންމާގެ މައްސަލަ: ކައުންސިލުން ޒިންމާ ނަގަންޖެހޭ ކަމަށް ހުކުމް ކޮށްފި

ހުފުފިނިފެންމާގެ: އެ ގޭގައި ރޭނި ފާރު ތަޅާލުމުގެ ޒިންމާ ސިޓީ ކައުންސިލުން ނަގަންޖެހޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި -- ފޮޓޯ/ ރާއްޖެއެމްވީ

މާލޭގެ ހެންވޭރު ގެއަކަށް މީހުން ވަދެނުކުމެ ނޫޅެވޭ ގޮތަށް ފާރެއް ރޭނި މައްސަލައިގައި އެ ގޭގެ ވެރިފާރަށް ލިބުނު ގެއްލުމުގެ ބަދަލު މާލޭ ސިޓީ ކައުންސިލުން ދޭން ޖެހޭ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ދައުވާ ކޮށްފައިވަނީ ހ. ހުދުފިނިފެންމާގޭގެ ވެރިޔާ ހަސަން ޝާކިރެވެ.

މި މައްސަލަ ބޮޑުވީ ކައުންސިލްގެ ހުއްދައާއެކު ރޭނި ފާރެއްގެ ސަބަބުން ހުދުފިނިފެންމާގޭގެ އެތެރެބައިގައި ދިރިއުޅޭ ބަޔަކަށް ނުނިކުމެވޭގޮތަށް ބަންދުވުމާ ގުޅިގެން ހުދުފިނިފެންމާގޭގެ ދެފާރެއް ތަޅައިލައި، އެމީހުންނަށް ނުކުމެވޭގޮތަށް މަގެއް ހަދައިދިނުމުގެ ސަބަބުންނެވެ.

ހުދުފިނިފެންމާގޭ އެތެރެބައިގައި އުޅޭ މީހުންނަށް ނުނިކުމެވޭ ގޮތަށް ހުދުފިނިފެންމާގެއާގޭގެ މީހުންނަށް އެ މަގުގައި އިންފާރެއް ރާނަން ހުއްދަ ދިނީ ސިޓީ ކައުންސިލުންނެވެ. އެ ފާރު ރޭނިތާ 14ވަރަކަށް ގަޑިއިރަށް ވުރެ ވެސް ގިނައިރު ވީފަހުން ޝާކިރުގެ ނަމުގައި ވަކި ރަޖިސްޓްރީއެއް އޮތް ހުދުފިނިފެންމާގޭގެ އިންފާރުން ދެ ދިމާއެއް ސިޓީ ކައުންސިލުން ތަޅައިލިއެވެ. ޝާކިރު ވިދާޅުވިގޮތުގައި މިއީ ކައުންސިލުން ހިންގި ޣައިރު ގާނޫނީ އަމަލެކެވެ.

https://sun.mv/195649

ޝާކިރުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގައި މިދިޔަ އޮގަސްޓު 18ވަނަ ދުވަހު ވަގުތީ އަމުރެއް ވެސް ނެރެދިނެވެ. އެ އަމުރުގައި ވަނީ ސިޓީ ކައުންސިލްގެ އެންގުން ބާތިލުކޮށް، އިމާރާތް ޝާކިރާ ހަވާލުކުރަން އަމުރުކޮށްފައެވެ. އަދި، މައްސަލައިގެ ޝަރީއަތް ނިމެންދެން އިމާރާތާ ގުޅޭ ގޮތުން އިތުރު ފިޔަވަޅެއް ނޭޅޭނެ ކަމަށް އަމުރުގައިވެއެވެ. އަދި 48ގަޑިއިރު ތެރޭގައި ކުރިން ހުރިގޮތަށް އިމާރާތް ހަދައިދިނުމަސް ވެސް އަމުރުގައި ވެއެވެ.

މި މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުގައި ކުރިއަށްދިޔައިރު މާލޭ ސިޓީ ކައުންސިލުން ދިފާއެއް ހުށަހަޅާފައެއް ނުވެއެވެ.

އެހެންވެ، އެ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މާލޭ ސިޓީ ކައުންސިލުން އެންގި އެންގުންތައް ބާތިލުކޮށްފައެވެ. އަދި، ކައުންސިލްގެ މުވައްޒަފުން ވަދެ، ފާރު ތަޅައިލުމުގެ ސަބަބުން ޝާކިރަށް ލިބުނު ގެއްލުމުގެ ޒިންމާ ކައުންސިލުން އުފުލަންޖެހޭ ކަމަށް ވެސް ހުކުމްކޮށްފައިވެއެވެ.

ހަމައެއާއެކު ގެއްލުމުގެ ބަދަލު ހޯދަން ޝާކިރުގެ ފަރާތުން ހުށަހަޅައިފިނަމަ އެ ހުށަހެޅުން ބަލާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އާދަމް ޛާލިފެވެ.

comment ކޮމެންޓް