ހުދުފިނިފެންމާގޭ މައްސަލަ: ސިޓީ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓުގެ ވަގުތީ އަމުރެއް

ހުދުފިނިފެންމާގެ: ސިޓީ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައި -- ފޮޮޓޯ/ ރާއްޖެއެމްވީ

ހ. ހުދުފިނިފެންމާގޭގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި، ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއްކޮށްފިއެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައިވަނީ ހުދުފިނިފެންމާގޭގެ ވެރިފަރާތް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ޙަސަން ޝާކިރެވެ.

އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނެރެފައިވާ ވަގުތީ އަމުރުގައި ވަނީ އެ މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އެ ގޯތީގެ ހައްވާ އިބަރާހީމްގެ ބަޔަށް، މީގެ ކުރިން ވަދެ ނުކުމެ އުޅުނު ގޮތަށް އެ ބަޔާ އިންވެ ދެކުނަށް އޮންނަ ގޯޅިމަގުން ވަދެ ނުކުމެވޭނެ ގޮތް މިއަދުގެ 14:00 އިން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ހަމަޖައްސައިދިނުމަށެވެ.

އެ ގޯއްޗަށް މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ވަނުމުގެ ކުރިން އެތަން އޮތް ހާލަތައް އެ ތަން ގެނެސްދިނުމަށް ވެސް ވަގުތީ އަމުރުގައިވެއެވެ.

މީގެ އިތުރުން އެ ގޯތީގެ ހަސަން ޝާކިރުގެ ބައިން ސިޓީ ކައުންސިލުގެ މުވައްޒަފުން ނުކުމެ މިއަދުގެ 14:00އިން ފެށިގެން 48 ގަޑީރުގެ ތެރޭގައި ހަވާލު ކުރުމަށް އަންގައި، ހުދުފިނިފެންމާގޭ ގޯއްޗާއި ގޯތީގައިވާ އިމާރާތާ ގުޅޭ ގޮތުން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން ވަނީ މާލެ ސިޓީ ކައުންސިލަށް އަމުރުކޮށްފައެވެ.

ހުދުފިނިފެންމާގޭ ގޯތީގައި ދިރިއުޅޭ ބަޔަކަށް ގެއިން ނުނިކުމެވޭނެ ގޮތަށް ފާރެއް ރޭނި މައްސަލަ މިދިޔަ ޖުލައި މަހު ފެންމަތިވިއެވެ.

އެ މައްސަލައިގައި ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން ފާރު ތަޅާލައި، ގޭގައި ދިރިއުޅޭ މީހުންނަށް ނުކުމެވޭ ގޮތް ހެދިއެވެ.

https://sun.mv/194262

އެކަމާ ގުޅުވައި މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލްގެ ވަކީލު އަބްދުﷲ އަބަދުލް ހަކީމް ވިދާޅުވީ ހުދުފިނިފެންމާގޭގެ ގޯތީގެ ބޮޑުމިން ފުރަތަމަ 3970 އަކަފޫޓަށް އަރާ ކަމަށެވެ. ނަމަވެސް ފަހުން ކޮންމެ ބައެއްގައި 1985 އަކަފޫޓު ހުންނަ ގޮތަށް ގޯތި ބަހައިފައިވާ ކަމަށާއި އެއީ ޝާކިރާއި ހައްވާ އިބްރާހިމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ގޭގައި ދިރިއުޅޭ މީހުންނަށް ގެއިން ނުކުމެވޭނެ ގޮތް ނުވެ ބަންދުވެފައި ވަނީ ސިޓީ ކައުންސިލުން ގަވާއިދާ ޚިލާފަށް ހަދައިދީފައި އޮތް ރަޖިސްޓަރީއެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ހައްވާ އިބްރާހިމްގެ ގެޔަށް ނުވަދެވޭ ގޮތަށް ގޯޅިއެއް ނުކަނޑައި، ހުދު ހފިނިފެންމާގެ ހަސަން ޝާކިރުގެ މައްޗަށް ރަޖިސްޓްރީ ކޮށްދީފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ހުދުފިނިފެންމާގޭގެ އެ ގޯޅިގަނޑުގެ މައްސަލަ ދިމާވެގެން އުޅޭތާ 27 އަހަރު ވެފައިވާ ކަމަށް ވެސް ހަކީމް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް