ނަރުދަމާއާއި ފެނުގެ ހޮޅިތައް ހަލާކުވެ އައްޑޫ މަގުތައް އަލުން ކޮންނަންޖެހިއްޖެ

އައްޑޫގެ މަގެއް މީގެ ކުރިން މަރާމާތުކުރުމުގެ ތެރެއިން -- ފޮޓޯ/ އައްޑޫލައިވް

އަޑީގައި ހުރި ނަރުދަމާއާއި ފެނުގެ ހޮޅިތައް ފިތި ގެއްލުންވާތީ އައްޑޫ ސިޓީގައި ތަރައްގީކުރި މަގުތައް އަލުން ކޮންނަން ޖެހިއްޖެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މަގު ހެދުމަށް އެފްކޮންސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން 100 ކިލޯމީޓަރުގެ މަގު ހަދަން ވަނީ ނިންމައިފައެވެ.

އެ މަގުތައް ހެދުން ލަސްވުމާއި، މަގު ހަދާފައިވަނިކޮށް ކަރަންޓާއި ނަރުދަމާގެ މަސައްކަތް ކުރަން ޖެހުމުން އަނެއްކާ މަގު ހަލާކުކުރަން ޖެހުމުގެ ޝަކުވާތައް ރައްޔިތުން އަންނަނީ ކުރަމުންނެވެ.

އެ ކަމުގެ އިތުރު މައުލޫމާތު "ސަން"އަށް ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ފެނަކައިގެ ކޭބަލްތައް މަގުގައި ހުރީ އެއްވެސް ހަމައެއްލަމައެއް ނެތި ކަމަށެވެ.

އެފްކޯންސް އިން ހަދައި ނިމިފައިހުރި މަގުތައް ވެސް، އަދިވެސް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ނުދޭކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ މަގުތައް ކޮންނަނީ ވެސް ސިޓީ ކައުންސިލަށް އެނގުމެއް ނެތި ކަމަށެވެ.

ކަރަންޓު ކެނޑުމާއި، ފެން ލިބުމުގެ މައްސަލަތައް ބޮޑުވެފައިވާއިރު ކޭބަލްތައް ރަނގަޅުކުރަން، ތާރު އަޅައި ނިމިފައިވާ މަގުތަކުގެ ތާރު ކަަފައި، އަލުން މަގުތައް ކޮނުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

މިހާރު ކޮންނަމުން އަންނަނީ ހިތަދޫގެ މަގުތަކެވެ.

މީގެ ކުރިން ފެނަކައިން ބުނި ގޮތުގައި އައްޑޫގައި ކަރަންޓު ކެނޑެނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ކޭބަލްތަކަށް ލިބޭ ގެއްލުމުގެ ސަބަބުންނެވެ. އަދި މަޝްރޫއު ކުރިއަށްގެންދާއިރު އިތުރު މައްސަލަތައް ދިމާވުން އެކަށީގެންވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން ބޮޑު ބައެއް ނިމިފައިވީ ނަމަވެސް މަގުތަކުގެ ފެންވަރު ދަށްވުމާއި، މިހާރު ވެސް ހަލާކުވެފައި ހުރުމުގެ ޝަކުވާ އާންމުން ކުރެއެެވެ.

comment ކޮމެންޓް