އައްޑޫ ކުޅިއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އާރިކިޅީގައި މަރުވެފައި އޮށްވައި ފެނުނު ބިދޭސީއެއް-- ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީ ހިތަދޫގެ ކުޅިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ހިތަދޫގައި އޮންނަ "އާރިކިޅި" ގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު ހެނދުނު 9:33 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މީހާ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

މަރުވެފައި ވަނީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.

ފުލުހުން ބުނީ މި މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލާ ގުޅުމުން ވިދާޅުވީ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަނީ އެ މީހާ އެ ކުޅީގެ ތެރޭގައި ބަނޑުން އޮށްވައި ފެންނަ ތަނެވެ.

comment ކޮމެންޓް