ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓުތަކަށް ލިބޭ ފައިދާ އިތުރުކޮށްފި

ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓުތަކަށް ލިބޭ ފައިދާ އިތުރުކޮށްފި --- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކިޑްސް ސޭވާ އެކައުންޓުތަކަށް އިތުރު ފައިދާތައް ލިބޭ ޕްރޮމޯޝަނެއް ބޭންކުން މިއަދު ފަށައިފިއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، އެ ޕްރޮމޯޝަންގެ ދަށުން ކިޑްސް ސޭވާ ރުފިޔާ އެކައުންޓުތަކަށް ތިން އިންސައްތައިގެ ފައިދާއާއި ޔޫއެސް ޑޮލަރު އެކައުންޓުތަކަށް 3.5 އިންސައްތަ ފައިދާ ލިބޭނެއެވެ.

މިހާރު ހުޅުވާފައިވާ އެކައުންޓުތަކާއި އަލަށް ހުޅުވާ އެކައުންޓުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައިވާއިރު، ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ކޮންމެ އެކައުންޓަކަށް 10،000 ރުފިޔާ ޖަމާކޮށްދޭނެއެވެ. އަދި، އެކްޓިވް 20 އެކައުންޓަކަށް 2،500 ރުފިޔާ ޖަމާކޮށްދޭނެ ކަމަށާއި މިއީ ކޮންމެ އަހަރަކު ދޭ އިނާމެއް ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވި ގޮތުގައި، ކިޑްސް ސޭވާ އެކައުންޓުތަކަށް ބަދަލު ގެނެސް ރަނގަޅު އިނާމުތަކާ އެކު ޕްރޮމޯޝަނެއް ހިންގުމުގެ ބޭނުމަކީ މުސްތަގުބަލަށް ފައިސާ ރައްކާކުރަން ހިތްވަރު ދިނުމެވެ. އެގޮތުން، ކުރިއަށް އޮތް ޖީލުތަކަށް ފައިސާ ރައްކާކުރުމަށާއި ޚަރަދުކުރުމުގައި ގެންގުޅެން ޖެހޭ މާލީ ހުނަރުތައް ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ނޫރައްދީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދުން ފެށިގެން އަލަށް ހުޅުވާ ކޮންމެ ކިޑްސް ސޭވް އެކައުންޓަކާ އެކު ބެލެނިވެރިންނަށް ހިލޭ ރީލޯޑުކުރެވޭ މާސްޓާކާޑް ޕްރިޕެއިޑް ކާޑަށް އެދެވޭނެ ކަމަށެވެ. އެގޮތުން، ކާޑަށް ފައިސާ އަޅައި ދުވަހުން ދުވަހަށް ކުރާ ޚަރަދުތަކަށް މި ކާޑު ބޭނުންކުރެވޭނެކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

މިއީ ކުދިންނަށް ހަރަދު ބެލެހެއްޓުމާއި ވިސްނުންތެރިކަމާ އެކު ޚަރަދުކުރުމުގެ އަސާސްތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ނޫރައްދީން ގަބޫލުކުރައްވައެވެ.

ބީއެމްއެލްއިން ބުނީ، އަލަށް ހުޅުވާ އެކައުންޓްތަކާއި މިހާރު ހުޅުވާފައިވާ ކިޑްސް ސޭވާ އެކައުންޓްތަކަށް ވެސް އިންޓަރެސްޓް ރޭޓް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓްތަކަށް ކަނޑައެޅިފައިވާ ފައިދާގެ ރޭޓަށް އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް