އިސްރާއީލުން ޣައްޒާގެ އުތުރަށް ދިން އަސްކަރީ ވައިގެ ހަމަލާތަކުގައި ގާތްގަޑަކަށް 29 މީހުން މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހު ވައިގެ މަގުންނާއި އެއްގަމު މަގުން ދިން އެ ހަމަލާތަކުގައި އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ ޖަބަލިއާގެ އުތުރަށް ވަދެފައެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ސަރަހައްދުގައި އެތައް ހާސް ބަޔަކު ތާށިވެފައި އެބަތިއްބެވެ.
އިސްރާއީލުން ޖަބާލިއާގެ ދެ ގެއަކާއި މެދުތެރޭ ޣައްޒާގެ ނޫސެއިރާތު ކޭމްޕަށް ހަމަލާދީ 19 މީހުން ޝަހީދުކޮށްލާފައިވާއިރު، ހޮނިހިރު ދުވަހުގެ ހަވީރު އިތުރު 10 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގައި ހަރަކާތްތެރިވާ ޑޮކަޓަރުން ޓީމަކުން ވަނީ ހާމަކޮށްފައެވެ.
އެ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ ހާލު ސީރިއަސްކަމުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށްވެސް އެ ޓީމުން ބުނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ވަނީ އިތުރު ދެ ސަރަހައްދަކުން މީހުން ހުސްކުރުމަށްވެސް އަމުރުކޮށްފައެވެ.
ނަމަވެސް ޣައްޒާގެ ހަމާސް ޖަމާއަތުން ހިންގާ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އުތުރުގެ ސަރަހައްދުތަކަށް ބަދަލު ނުވުމަށާއި އަދި ދެކުނަށް ނުދިއުމަށް ވެސް އިލްތިމާސްކޮށްފައެވެ.
އެއީ އިސްރާއީލުން ރައްކާތެރި ކަމަށް ބުނި ނަމަވެސް ޣައްޒާގެ ދެކުނުގައި ކޮންމެ ދުވަހަކު އެތައް ބޮމެއް ގޮއްވައި ހަމަލާތައް ދޭތީ ކަމަށް އެ ބަޔާނުގައިވެއެވެ.
ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި ފާއިތުވި ހަފްތާގެ ތެރޭގައި ޖަބަލިއާގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 150 އަށް އަރާފައިވެއެވެ.
ލުބުނާނުގައި ވެސް އިސްރާއީލުން ވަނީ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުاللهއާ ދެކޮޅަށް ދޭ ހަމަލާތަކުން ސަލާމަތްވުމަށް އެ ގައުމުގެ ދެކުނުގައި ތިބި މީހުން އެހެން ސަރަހައްދުތަކަށް ދިއުމަށް އަމުރުކޮށްފައެވެ.
އިސްރާއީލުން ހޮނިހިރު ދުވަހު ވަނީ ލުބުނާނުގެ ދެކުނަށާއި އިރުމައްޗަށް ހަމަލާދީފައެވެ. އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތަކުގައި ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް ލުބުނާނުގެ 1400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މިހާތަނަށް 42000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.