ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުاللهގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ހާމަކުރި އާ ތަފުސީލުތަކުން އެގޭ ގޮތުގައި މިދިޔަ އަހަރު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله ޝަހީދުކޮށްލީ އެ ޖަމާއަތުގެ ހަނގުރާމަވެރި އޮޕަރޭޝަންސް ރޫމްގެ ތެރޭގައި ހުންނަވަނިކޮށެވެ.
އިސްރާއީލުން ދިން ސިލްސިލާ ވައިގެ ހަމަލާތަކެއްގައި މިދިޔަ އަހަރު ސެޕްޓެމްބަރު 27 ގައި ބެއިރޫތުގެ ދެކުނު ސަރަހައްދުގެ ބައެއް އިމާރާތްތަކަށް ދިން ހަމަލާއެއްގައި ނަޞްރުالله ވަނީ އަވަހާރަވެފައެވެ. ލުބުނާނުގެ ސިއްޚަތާބެހޭ ވުޒާރާއިން ބުނީ، އެ ހަމަލާގައި ހަ މީހަކު މަރުވެފައިވާ ކަމަށެވެ. އެ ވަގުތު ނަޞްރުالله އިންނެވީ ބިންގަރާހެއްގެ ތެރޭގައި އިތުރު އިސް ބޭފުޅުންނާ ބައްދަލުކުރައްވަން ކަމަށް ވެސް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
ބައްތިރީސް އަހަރު ވަންދެން ހިޒްބުاللهގެ އިސްވެރިއަކަށް ހުންނެވި ނަސްރުالله އަވަހާރަކޮށްލުމާ ގުޅިގެން އިސްރާއީލާއި ލުބުނާނާ ދެމެދު ހަމަލާތައް ބަދަލުކުރި ނަމަވެސް، އެމެރިކާ މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އައުމާ ގުޅިގެން ހަމަލާދިނުން ދެ ފަރާތުން ވެސް ވަނީ ހުއްޓާލާފައެވެ.
ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަފާއަކީ ހަނގުރާމަ ހުއްޓާލުމުގެ ކުރިން މެދުތެރޭ ބެއިރޫތަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ އަމާޒަކަށްވެފައި އޮތް ތަނެއް ނަމަވެސް އެ ތަނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގައި ހިޒްބުالله އިން ހަނގުރާމަވެރިންނާއި ހަތިޔާރާއި އިންފްރާސްޓްރަކްޗާ ލިތާނީ ކޯރުގެ އުތުރުން ލުބުނާނުގެ ދެކުނުން ދުރަށް ގެންދަން ޖެހޭއިރު، ލުބުނާނުގެ ދެކުނަށް އަރައިގަތް އިސްރާއީލުގެ ސިފައިން 60 ދުވަހުގެ ތެރޭގައި އެ ތަނުން ފައިބަންޖެހެއެވެ.
ހިޒްބުالله އާއި ލުބުނާނުން ވަނީ އިސްރާއީލުން ކޮންޓްރޯލްކުރާ ލުބުނާނުގެ 10 ވަރަކަށް ރަށުގެ ތެރެއިން އެންމެ ދެ ރަށުން އިސްރާއީލުން ފައިބައިފައިވާތީ، އެ ކަމަށް ފާޑުކިޔާފައެވެ. އިސްރާއީލުން މިހާރު ވެސް އެކިވަރުގެ ހަމަލާތައް ލުބުނާނަށް ދެމުން އަންނަ ކަމަށް އެ ގައުމުން ބުނެއެވެ.
މި މަސް ނިމޭއިރު އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުން ނުފައިބައިފިނަމަ، އެ ގައުމުގެ ހަނގުރާމަވެރިން އިސްރާއީލަށް ހަމަލާ ދީފާނެކަމުގެ އިންޒާރު ހިޒްބުاللهގެ މިހާރުގެ ލީޑަރު ނާއިމް ގާސިމް ހޮނިހިރު ދުވަހު ދެއްވި ޚިތާބެއްގައި ވަނީ ދެއްވާފައެވެ.
ލުބުނާންގައި ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲ ޖަމާއަތާ އެކު ނޮވެމްބަރު މަހު އިސްރާއީލުން އެއްބަސްވި އަސާސް ކަމުގައިވާ 2006 ވަނަ އަހަރުގެ ސަލާމަތީ މަޖިލީހުގެ ގަރާރާ އިސްރާއީލުން ވަރަށް ބޮޑަށް ޚިލާފުވެފައިވާ ކަމަށް އދ.ގެ ސުލްހަ ބަލަހައްޓާ ފަރާތްތަކުން ވެސް ވަނީ ތުހުމަތުކޮށްފައެވެ.