މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރި އާލިއާ ބަޓްގެ ފިލްމު "ޖިގްރާ"އަކީ ޓީ-ސީރީސްއިން ގެނެސްދިން ފިލްމު "ސަވީ"ގެ ކޮޕީއެއް ކަމަށް ބަތަލާ/ޕްރޮޑިއުސަރު ދިވްޔާ ކޯސްލާ ބުނެފިއެވެ.
ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ މަޝްހޫރު ޓީ-ސީރީސްގެ ޗެއާމަން އަދި ފިލްމު ޕްރޮޑިއުސަރުގެ އަންހެނުން ދިވްޔާ ކޯސްލާ ބުނެފައި ވަނީ ފިލްމު "ސަވީ"އަކީ ވެސް ޖަލު ބަންދެއްގައި ހުރި މީހަކު ސަލާމަތްކުރަން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެއް ކަމަށެވެ.
މި ޕްރިޒަން-ބްރޭކް ޑްރާމާއާ ދާދި އެއްގޮތަކަށް އުފައްދާފައިވާ "ޖިގްރާ"އަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައިނުވާ ކަމަށް ބުނެ ދިވްޔާ ވަނީ އަމިއްލަ ސޯޝަލް މީޑިއާގައި އާލިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އާލިއާ އަދި ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ "ޖިގްރާ" ހުކުރު ދުވަހު ރިލީޒްވުމާ އެކު ފިލްމަށް ލިބިފައިވަނީ މަސްހުނި ފާޑުކިޔުންތަކެކެވެ. އެއްބަޔަކަށް ފިލްމު ވަރަށް ބޮޑަށް ކަމުގޮސްފައިވާއިރު ބައެއް މީހުންނަށް ފިލްމު އެއްގޮތަކަށް ވެސް ކަމަކަ ނުދެއެވެ.
ނަމަވެސް ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބި ގިނަ އަދަދެއްގެ ޝޯތައް ވިކިފައިވާކަމަށް ބުނެ އާލިއާ އާއި ފިލްމުގެ ޓީމުން ފަތުރާފައި ވަނީ ދޮގު ހަބަރުތަކެއް ކަމަށް ދިވްޔާ ވަނީ ތުހުމަތު ކޮށްފައެވެ.
ފިލްމު "ޖިގްރާ"ގެ ޝޯތައް އަޅުވަން ނިންމާފައިވާ ތިއޭޓައަކަށް ދިޔަ ކަމަށާއި ނަމަވެސް އެތަނުގައި ހުރީ ހުސްގޮނޑިކަމަށް ބުނެ ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ވެސް ކުރާ ދިވްޔާ ބުނެފައި ވަނީ ފިލްމުގެ ޓިކެޓް އަމިއްލައަށް ގަނެ އާލިއާ ވަނީ ފޭކް ކަލެކްޝަންއެއް މީޑިއާއަށް ހާމަކޮށްފައި ކަމަށެވެ.
މިވާހަކަތައް މީޑިއާތަކުގައި ނުދެއްކުމަށް އާލިއާގެ ޓީމުން މީޑިއާ ރިޕޯޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ވެސް ދިވްޔާގެ ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުކޮށްފައެވެ.
ދިވްޔާގެ މި ވާހަކަތަކަށް މިހާތަނަށް އާލިއާގެ ފަރާތުން އެއްވެސް ރައްދެއް ދީފައި ނުވާއިރު އިއްޔެއާ ހަމައަށް އާލިއާގެ ފިލްމަށް ވަނީ 7.1 ކްރޯޑު ރުޕީސް ލިބިފައެވެ.