ވަޔާއެކު ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

ވިއްސާރަވެ ކަނޑުގަދަވުން: ވަޔާއެކު ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެދާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައި އޮތީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް، މިއަދުގެ އިރުއޮއްސި 18:00އިން މިރޭ 00:00ގެ ނިޔަލަށެވެ.

މެޓުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

އާންމު ގޮތެއްގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.

ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ފަސް ފޫޓާއި އަށް ފޫޓާއި ދެމެދުގައެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

އިއްޔެއަކީ ވެސް މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަހެކެވެ. އާއްމުގޮތެއްގައި 23 މޭލަށް ވައި ހުންނަ ދަރަވަންދުއަށް އިއްޔެ 65 މޭލު ބާރުމިނުގައި ވައި ޖެހިފައިވެއެވެ. ދެވަނައަށް އިއްޔެ އެންމެ ވައި ގަދަވީ މާލެއަށެވެ. އާއްމުކޮށް 23 މޭލުގެ ބާރުމިނެއްގައި ވައިޖެހޭ މާލެއަށް، އިއްޔެ ވަނީ 56 މޭލަށް ވައި ގަދަވެފައެވެ.

މެޓުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ހުޅަނގު މޫސުން މި އަހަރުގެ ޑިސެންބަރާ ހަމަޔަށް ދިގުދެމިގެންދާނެއެވެ.

comment ކޮމެންޓް