އިއްޔެ އެންމެ ގަދަޔަށް ވައިޖެހުނީ ބ. ދަރަވަންދުއަށް ކަމަށާއި އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓުން މިއަދު ވަނީ އިއްޔެ އެންމެ ވައި ގަދަވި ރަށްތަކާއި ވާރޭ ވެހުނު ރަށްތަކުގެ ތަފާސްހިސާބު ހާމަކޮށްފައެވެ.
އެގޮތުން އެންމެ ވައި ގަދަވެފައި ވަނީ ދަރަވަންދުއަށެވެ. އާއްމުގޮތެއްގައި 23 މޭލަށް ވައި ހުންނަ ދަރަވަންދުއަށް އިއްޔެ 65 މޭލު ބާރުމިނުގައި ވައި ޖެހިފައިވެއެވެ.
ދެވަނައަށް އިއްޔެ އެންމެ ވައި ގަދަވީ މާލެއަށެވެ. އާއްމުކޮށް 23 މޭލުގެ ބާރުމިނެއްގައި ވައިޖެހޭ މާލެއަށް، އިއްޔެ ވަނީ 56 މޭލަށް ވައި ގަދަވެފައެވެ. ތިން ވަނައަށް އެންމެ ވައި ގަދަވީ ކ. ގާފަރަށެވެ. އާއްމުކޮށް 21 މޭލަށް ވައިޖެހޭ އެ ރަށަށް އިއްޔެ ވަނީ 52 މޭލު ބާރުމިނުގައި ވައިޖެހިފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުލެއަށެވެ.
އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑުކުރި ރަށްތަކަކީ:
- ހުޅުލެ: 37.2 މިލިމީޓަރު
- އއ. ތޮއްޑޫ: 36.6 މިލިމީޓަރު
- ރ. އިފުރު: 34.5 މިލިމީޓަރު
- މާލެ: 31 މިލިމީޓަރު
މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވެ، ބޯކޮށް ވާރޭ ވެހެމުންނެވެ.
އެގޮތުން މެޓުން މިއަދު ބުނީ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
އަދި ދެކުނުގެ ކަނޑުތައް މިއަދު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުނެއެވެ. ނަމަވެސް އެހެން ހިސާބުތަކަށް އާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ.
އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގައި މޫސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.