ކައުންސިލްތަކުގެ ބާރުތައް ކަނޑުވާކަމަށް ބުނެ އެމްޑީޕީން "ލާމަރުކަޒީ ގުޅުން" ނަމުގައި ކޮންފަރެންސެއް

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އަލިފުށި ދާއިރާގެ ރައީސް މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަދައްކަވަނީ: ވިދާޅުވީ "ލާމަރުކަޒީ ގުޅުން" ނަމުގައި ކޮންފަރެންސެއް ބާއްވަން ނިންމާފައިވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަނޑުވާލާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން "ލާމަރުކަޒީ ގުޅުން" ނަމުގައި ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

މި ކޮންފަރެންސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވަން ރާވާފައިވާއިރު، އެންމެ ފުރަތަމަ ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ ބޮޑުތިލަދުންމަތީގައެވެ.

އެކަން އިއުލާނުކުރަން މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އަލިފުށި ދާއިރާގެ ރައީސް މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް އެމްޑީޕީން ކުރާ ދަތުރަކީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ކުރަން ހަމަޖެހިފައިވާ ދަތުރެއް ކަމަށެވެ.

އެ ދަތުރުގައި ހދ. ކުޅުދުއްފުށީގައި ބާއްވާ ލާމަރުކަޒީ ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހީމް ޞާލިޙާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ރަށްތަކުގެ ކައުންސިލްތަކުން ބައިވެރިވާ އެ ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރުން ބައިވެރިވާގޮތަށް ހަމަޖެހިފަވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެ ދަތުރުގައި ހއ. ހދ. އަދި ށ. އަތޮޅުގެ އެކި ރަށްތަކަށް އެމްޑީޕީން ދާއިރު، ރޯޑްމެޕް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ތެރޭގަ ވަކިން ޚާއްސަކޮށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން މިހާރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގަ ހުރި ކަންބޮޑުވުންތައް އަދި ޚާއްސަކޮށް ކައުންސިލްތަކުގެ ބާރު ގެއްލިގެންދާތީ ކަންބޮޑުވުންތައް އެބަހުރި އެމްޑީޕީގެ އަލިފުށި ދާއިރާގެ ރައީސް މުހައްމަދު ރަޝީދު ހުސައިން

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، އަލީ ނިޔާޒު ވާހަކަދައްކަވަނީ: ވިދާޅުވީ ކައުންސިލްތަކުގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، އަލީ ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބުނެ މި ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ ސަރުކާރުން 2019ވަނަ އަހަރު ގެނައި ބަދަލުތަކަކީ ސާވޭއެއް ވެސް ކުރުމަށް ފަހު ގެނައި ބަދަލުތަކެއް ނަމަވެސް އެ ބަދަލުތަކަކީ އެމްޑީޕީން "ޖަޒުބާތުގަ ޖެހިގެން ގެނައި ބަދަލުތަކެއް" ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނަމަވެސް އެކަން ކުރީ ސާވޭ އެއް ވެސް ކޮށްފަ. އެ ބަދަލު ގެނައީ މަޝްވަރާކޮށްގެން. ފަންނީ މީހުންނާއި ކައުންސިލްގެ އަދި ބައިނަލްއަގްވާމީ މީހުންގެ މަޝްވަރާއާ ލަފާ ހޯދައިގެން. އެ ބަދަލުތައް އެ ފުށް މިފުށަށް ޖެހުމުން ލާމަރުކަޒީ ނިޒާމް ފުނޑިގެން ހިނގައިދާނެ، އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، އަލީ ނިޔާޒު

ނިޔާޒް ވިދާޅުވީ ރާއްޖެ ތަރައްގީކުރަން ވާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ ވެސް އެއީ ކަމަށެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި އެ ޕާޓީން ކައުންސިލްތަކާ ގުޅުން އެންމެ ރަނގަޅަށް ބޭއްވިފައި ނުވެއެވެ. އެހެންކަމުން ބޮޑުތިލަދުންމަތީ ބާއްވާ ކޮންފަރެންސާއެކު ޕާޓީ އާއި ކައުންސިލްތަކާއި ގުޅުން ރަނގަޅުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާކޮށް ކޮންފަރެންސްތަކެއް ބާއްވާ މި އަހަރު ނިންމާލެވޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް