އަސްކަރީ ބޯޓުތަކުގެ ހިމާޔަތަށް ޓްރަމްޕް އެދިވަޑައިގެންފި

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ/ރޮއިޓާސް

އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކާއި އުޅަނދުތައް ބޭނުންކޮށް، ހިމާޔަތް ދިނުމަށް އެމެރިކާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފިއެވެ.

ޓްރަމްޕް މިހާރު ދަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރައްވަމުން ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެއެވެ.

އަސްކަރީ ހިމާޔަތް ދިނުމަށް ޓްރަމްޕް އެދިވަޑައިގެންފައި ވަނީ އޭނާ އަވަހާރަކޮށްލުމަށް ދާދިފަހުން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމާ ގުޅިގެންނެވެ. އަދި އެއީ ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ދިން ކަމަށް ބުނާ އިންޒާރުތަކާ ބެހޭ މައުލޫމާތު އެމެރިކާގެ ޖާސޫސީ އޮފިޝަލުން އޭނާއަށް އަންގާފައިވާ ކަމަށް މިދިޔަ މަހު ކުރިއަށް ގެންދިޔަ ޓްރަމްޕްގެ ކެމްޕެއިންގައި ވިދާޅުވެފައި ވަނިކޮށެވެ.

ރިޔާސީ ކެންޑިޑޭޓުންނަށް ހިމާޔަތް ދިނުމުގެ ޒިންމާ އުފުލާ އެމެރިކާގެ ސީކްރެޓް ސާވިސްގެ މަންދޫބަކު ވިދާޅުވީ ޓްރަމްޕަށް މިހާރުވެސް ދެނީ އެންމެ މަތީ ފެންވަރުގެ ހިމާޔަތް ކަމަށެވެ. ނަމަވެސް ޓްރަމްޕަ ކެމްޕޭނު ޓީމުން އަދިވެސް ބޮޑަށް ސެކިއުރިޓީއަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ރައީސްއަކަށް ދޭ ވަރުގެ ހިމާޔަތް ޓްރަމްޕަށް ދިނުމަށް ސެކިއުރިޓީއަށް ހުއްދަ ދީފައިވާ ކަމަށެވެ.

ނިއުޔޯކް ޓައިމްސްއިން ބުނާގޮތުގައި ޓްރަމްޕްގެ ކެމްޕޭން ޓީމުން އަންނަނީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖެފް ޒިއެންޓްސް އާއި އެކްޓިން ސީކްރެޓް ސާވިސް ރޮނާލްޑް ރޯއާ ގުޅިގެން ޓްރަމްޕަށް ހިމާޔަތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޓްރަމްޕްގެ ކެމްޕޭނު އޮފިޝަލުން ބުނިގޮތުގައި އެކަށީގެންވާ ރައްކާތެރިކަމެއް ނެތުމުން ކެމްޕޭން އިވެންޓްތައް ބަދަލުކުރަން، އަލުން ޝެޑިއުލް ކުރަން ނުވަތަ ކެންސަލް ކުރަން ޖެހިފައިވާ ކަމަށެވެ.

ޓްރަމްޕް އަވަހާރަކޮށްލުމަށް ޖުލައި މަހު ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ ސީކްރެޓް ސާވިސްއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެކަމާ ގުޅިގެން އޭރު އެ އިދާރާގެ ޑިރެކްޓަރު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އިތުރު އެހެން ބަދަލުތައްވެސް ގެނެސްފައިވެއެވެ.

އަންނަ ނޮވެމްބަރު މަހު ފަސް ވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕާއެކު އެންމެ ބޮޑަށް ވާދަކުރައްވަނީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލަ ހެރިސްއެވެ.

comment ކޮމެންޓް