ބޮލީވުޑްގެ އެންމެ ތަޖުރިބާކާރު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ އާރް މާދަވަން އާއި ބަތަލާ ފާތިމާ ސަނާ ޝައިހް ދަރުމާ ކުންފުނިން އުފައްދާ ލޯބީގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމު ގެނެސްދޭން ނިންމާފައި ވަނީ ދަރުމާ ޕްރޮޑަކްޝަންސްގެ ވެބް ކޮންޓެންޓް އުފައްދާ ދަރުމެޓިކް އެންޓަޓެއިންމަންޓްއިންނެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ އުމުރުގެ ގޮތުން ބޮޑު ތަފާތެއް ހުރި މީހަކާ ޒުވާން އަންހެން ކުއްޖަކު ލޯބީގެ ގޮތުން ގުޅުމުން ދިމާވާ ތަފާތު އެކި މައްސަލަތަކުގެ މައްޗަށެވެ.
މި މަހު ފަހުކޮޅު ފިލްމުގެ މަސައްކަތަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުއެވެ. މިއީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު އާރް މާދަވަންގެ ލޯބީގެ ފިލްމެއް ބެލުންތެރިންނަށް ފެންނާނެ ފިލްމެކެވެ.
ފިލްމު "ރެހެނާ ހޭ ތޭރޭ ދިލް މޭ" އަދި "ދިލް ވިލް ޕިޔާރު ވިޔާރު" ފަދަ ރީތި ފިލްމުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އާރް މާދަވަން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރު ރިލީޒްވި ބިރުވެރި ފިލްމު "ޝައިޠާން"އިންނެވެ.
މާދަވަން އިތުރު ހަ ފިލްމަކަށް ސޮއިކޮށްފައިވާއިރު މިވަގުތު މަސައްކަތް ފަށާފައި ވަނީ އޭގެތެރެއިން ދެ ފިލްމެއްގެއެވެ. އެއީ އަޖޭ ދޭވްގަން ލިޑް ރޯލް ކުޅޭ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2" އަދި ޑައިރެކްޓަރު އަދިތިޔަ ދަރުގެ "ދުރަންދަރު"އެވެ.
ފިލްމު "ޑަންގަލް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ޝާމް ބަހާދުރު"އިންނެވެ. ފާތިމަތު ސަނާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހު ފަހުކޮޅު ރިލީޒްކުރުމަށް ތާވަލުކުރެވިފައި އޮތް ފިލްމު "މެޓްރޯ އިން ދިނޯ"އިންނެވެ.