އިއްޔެ ސިނަމާތަކުގައި ރިލީޒްކުރި ބަތަލާ އާލިއާ ބަޓްގެ ފިލްމު "ޖިގްރާ" ރިލީޒްކުރުމުގެ މާކުރިން ފައިދާގެ ގޮތުގައި ފިލްމަށް 10 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އާލިއާގެ އަމިއްލަ ފިލްމު ކުންފުނި އެޓާނަލް ސަންޝައިން އާއި ދަރުމާ ކުންފުނި ގުޅިގެން ގެނެސްދިން ފިލްމަށް ފައިދާގެ ގޮތުގައި އާމްދަނީ ލިބިފައި ވަނީ ފިލްމުގެ ސެޓެލައިޓް ކޮޕި ރައިޓްސް ވިއްކާލައިގެންނެވެ. ވަސަން ބާލާ ޑައިރެކްޓްކޮށް ކަރަން ޖޯހަރު އަދި އާލިއާ ބަޓް ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވާ މި ފިލްމަކީ މުޅި އެކު 90 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.
ފިލްމުގެ ސެޓެލައިޓް ކޮޕީ ރައިޓްސް ވިއްކާލުމުން ފިލްމު އުފައްދަން ދިޔަ ޚަރަދު ދެ ކުންފުންޏަށް ވެސް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ފިލްމުގެ މިއުޒިކް ކޮޕީ ރައިޓްސްއާ އެކު ސިނަމާތަކުގައި ދައްކައިގެން ލިބޭ އާމްދަނީ އަކީ ފިލްމަށް ފައިދާގެ ގޮތުގައި ލިބޭނެ އާމްދަނީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާލިއާ އަދި ވެދާންގް ފިލްމު 'ޖިގްރާ'ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ޑައިރެކްޓަރު ވަސަން ބާލާ މީގެކުރިން ގެނެސްދިން "މޮނީކާ އޯ މައި ޑާލިންގް" އަދި "ޑާލިންގްސް"އަށް ލިބުނު ހޫނު ތަރުހީބާ އެކު ފިލްމު "ޖިގްރާ"އަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެއެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ ސެޓެލައިޓް ރައިޓްސް ވިއްކާފައި ވަނީ ނެޓްފްލިކްސް އަށެވެ. އެހެންކަމުން ފިލްމު ސިނަމާތަކުގައި ދައްކަން ފަށާތާ މާގިނަ ދުވަހެއް ނުވެ ނެޓްފްލިކްސްއަށް ފިލްމު އަންނާނެއެވެ.
އާލިއާ ބަޓް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ އެކްޝަން ތުރިލާ ފިލްމެކެވެ. ހުރި ހަމައެކަނި ފިރިހެން ކޮއްކޮ ބޭރު ޤައުމެއްގެ ޖަލު ބަންދަށް ގެންދިއުމާ ގުޅިގެން ކޮއްކޮ ސަލާމަތް ކުރުމަށް ދައްތައަކުވާ ޤުރުބާނީ މި ފިލްމުން ދައްކުވައިދޭނެއެވެ. އާލިއާގެ ފިރިހެން ކޮއްކޮގެ ރޯލް ފިލްމުގައި ކުޅެފައި ވަނީ ވެދާންގް ރައިނާއެވެ.