ޓެސްލާއިން އުފެއްދި، އިންސާނުންނާ އެއްގޮތް ރޮބޮޓްތައް ދައްކާލައިފި

ބުރާސްފަތި ދުވަހުގެ ރޭ ހޮލިވުޑްގެ ވޯނަރ ބްރަދާސް ސްޓޫޑިއޯގައި ބޭއްވި ޓެސްލާގެ ރޮބޮޓެކްސީ ހާމަކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޚާއްސަ އުފެއްދުމެއް ކަމުގައިވާ އިންސާނުންނާ އެއްގޮތް ރޮބޮޓްތައް ދައްކާލައިފިއެވެ.

ސައިބާކެބާއި، ރޮބޯވެން ދެއްކުމަށްފަހު، ޓެސްލާގެ ސީއީއޯ އެލޮން މަސްކް ވަނީ ގިނަ އަދަދެއްގެ އޮޕްޓިމަސް ރޮބޮޓުތަކެއް ގެނެސް، އެ ރޮބޮޓުތައް ހާޒިރީންނާ ބައްދަލުކުރުވާފައެވެ.

ރަސްމިއްޔާތުގައި ބައިވެރިވި އެންމެން ހައިރާންކޮށްލީ ސްޓޭޖެއްގައި އޮޕްޓިމަސް ރޮބޮޓުތައް ހުށަހަޅައިދިން ފުރިހަމަ ޑާންސް އިވެންޓްގެ ސަބަބުންނެވެ.

މިއީ 2021 ވަނަ އަހަރު މި ރޮބޮޓު ފުރަތަމަ ތައާރަފުކުރިއިރު، ދައްކާލި ހަރަކާތްތަކަށްވުރެ އެތައްގުނައެއް ފުރިހަމަ އަދި ކާމިޔާބު ހަރަކާތްތަކެއްކަމަށް އިވެންޓްގައި ބައިވެރިވި ފަރާތްތަކުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ޝާއިއުކުރެވުނު ވީޑިއޯތަކާއި ފޮޓޯތަކުން ދައްކާގޮތުގައި، އޮޕްޓިމަސް ރޮބޮޓުތައް ވަނީ ބާޓެންޑަރުންގެ ޔުނިފޯމު ލައިގެން ބުއިންތައް ތައްޔާރުކޮށްދީފައެވެ. އަދި އެ ރޮބޮޓުތައް ވަނީ ހާޒިރީންނާ މުއާމަލާތްކޮށް، ސެލްފީ ނަގައިދީފައެވެ.

މި ރަސްމިއްޔާތަށް ހާޒިރުވި ޓެސްލާގެ އިންވެސްޓަރެއް ކަމަށްވާ މެތިއު ޑޮނެގަން-ރަޔަން 'ބިޒްނަސް އިންސައިޑާ' އަށް ބުނެފައިވަނީ އޭނާ ދުށް ގޮތުގައި އޮޕްޓިމަސް ރޮބޮޓުތަކުން ވަނީ ބުއިންތައް ތައްޔާރުކޮށް، ފަރިއްކޮޅު ބެހުމުގެ އިތުރުން ވަރަށް ފުރިހަމައަށް ހާޒިރީންނާ މުއާމަލާތް ވެސް ކޮށްފައެވެ.

ރޮބޮޓެކްސީ ހާމަކުރުމުގެ ތެރޭގައި އޮޕްޓިމަސް ރޮބޮޓްތަކަށް އިޝާރާތްކޮށް މަސްކް ވިދާޅުވީ "މިރޭ ދައްކާލަން ބޭނުންވި އޮޕްޓިމަސްއަކީ ހަމައެކަނި ރެކޯޑުކޮށްފައިވާ ވީޑިއޯއެއް ނޫންކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ "އޮޕްޓިމަސް ރޮބޮޓުތައް މީހުންގެ ތެރޭގައި ހިނގާބިނގާވެ އުޅޭނެކަމަށެވެ. އެހެންވީމާ އޮޕްޓިމަސް ރޮބޮޓުތަކާ މެދު ރަނގަޅަށް ކަންތައް ކޮށްދިނުމަށް ބައިވެރިންގެ ކިބައިން އޭނާ އެދިލެއްވިއެވެ.

ޓެސްލާއިން ވަނީ މީގެ ކުރިން އޮޕްޓިމަސް ރޮބޮޓުން ޔޯގާ ސްޓްރެޗް ހެދުމާއި، ބިސްގަނޑު އެޅުމާއި، އަދި ސްކުއެޓް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްފައެވެ.

މި ރަސްމިއްޔާތުގައި މަސްކް ވަނީ ދުރު މުސްތަޤުބަލުގައި އޮޕްޓިމަސް ރޮބޮޓުގެ އަގު 20,000 އާއި 30,000 ޑޮލަރާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ.

އަދި އެ ކުންފުނީގެ އިންވެސްޓަރުންނަށް މަސްކް ވަނީ އަންނަ އަހަރުގެ ނިޔަލަށް ޓެސްލާއިން މި ރޮބޮޓު ބޭރުގެ ފަރާތްތަކަށް ވިއްކަން ފެށުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް