ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާގައި 22 މީހުން މަރުވެއްޖެ

އިސްރައީލުން ދިން ހަމަލާއެއްގައި ލުބުނާނުގެ މެދުތެރޭގައި ހުރިއިމާރާތަކަށް ގެއްލުން ލިބިފައި -- ފޮޓޯ/ރޮއިޓާސް

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ މެދުތެރެއަށް އިސްރާއީލުން ދިން ހަމަލާއެއްގައި 22 މީހުން މަރުވެ، 117 މީހުން ޒަޚަމުވެފައިވާ ކަމަށް ލުބުނާނުގެ ސިއްޚަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ސަލާމަތީ އޮފިޝަލަކު އޭއެފްޕީއަށް ބުނި ގޮތުގައި އެ ހަމަލާ އަމާޒުވެފައިވަނީ ބެއިރޫތުގެ ނުވެއިރީއަށެވެ.

ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ބުނީ، ބުރާސްފަތި ދުވަހު އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ މެދުތެރޭގެ ސަރަހައްދަށް ދިން ހަމަލާއަކީ މިދިޔަ މަހު އިސްރާއީލުން ލުބުނާނަށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކުރި ފަހުން ބެއިރޫތަށް ދިން މިފަދަ ތިންވަނަ ހަމަލާ ކަމަށެވެ.

އިސްރާއީލުން ބެއިރޫތުގެ ދެކުނަށް ހަމަލާތައް ދެމުން އަންނަތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ސިޓީގެ މެދުތެރެއަށް ހަމަލާތައް އަމާޒުކޮށްފައިވަނީ ވަރަށް މަދުންނެވެ.

ސަލާމަތީ މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ބުނީ، ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުاللهގެ އިސް ފަރާތެއް ކަމަށްވާ ވަފީގު ސަފާ އަވަހާރަކޮށްލުމަށް ބުރާސްފަތި ދުވަހު އިސްރާއީލުން ދިން ހަމަލާއިން އޭނާ ސަލާމަތްވެފައިވާ ކަމަށެވެ.

މެދުތެރޭ ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާ އަމާޒުކޮށްފައިވަނީ ހިޒްބުﷲގެ އިސް އޮފިޝަލަކަށް ކަމަށް ލުބުނާނުގެ ސަލާމަތީ މަސްދަރަކުން މީގެ ކުރިން ވަނީ ރޮއިޓާސްއަށް މައުލޫމާތު ދީފައެވެ.

މިދިޔަ މަހު ބެއިރޫތުގެ ދެކުނަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ހިޒްބުاللهގެ ލީޑަރު ހަސަން ނަޞްރުالله ވަނީ އަވަހާރަކޮށްލާފައެވެ.

comment ކޮމެންޓް