މިއަދު ކުރި ވިއްސާރައިގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ގެއްލުން ވެފައި ވާކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއިން ބުނެފިއެވެ.
އެގޮތުން އެޗްޑީސީއިން ވަނީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ވެފައިވާ ގެއްލުންތައް އެ ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައެވެ.
އެގޮތުން ބައެއް މަގުތަކުގައި ހުރި ގަސްތައް ވެއްޓިފައި ވާއިރު ބައެއް ގަސްތައް ވެއްޓި މަގުމަތީގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. އަދި ފެރީ ޓާމިނަލް ސަރަހައްދުގެ ވޯކްވޭއަށް ވެސް ގެއްލުންވެފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެނެއެވެ.
މި ކަންތައްތަކާ ގުޅިގެން އެޗްޑީސީއިން ވަނީ ވިއްސާރައިގައި އަސަރުކޮށްފައިވާ މަގުތަށް ސާފުކޮށް މީހުން އެއްވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ހިތްފަސޭހަ ތަނަކަށް ހުޅުމާތެ ހެދުމަށް ޓަކައި މި ސަރުކާރާއި އެޗްޑީސީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.