ދަތުރުގޮސް އުޅެނިކޮން ގެއްލުނު ތަސްލީމް ހޯދުމުގެ މަސައްކަތް ފޮރެންސިކް ޑައިވަރުން އަދިވެސް ކުރަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
"ސަން" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަސްލީމް ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ދާކަމަށާއި ފުލުހުންގެ ފޮރެންސިކް ޑައިވަރުން އަދިވެސް ތަސްލީމު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ފޮރެންސިކް ޑައިވަރުން ހަމަ ހޯދުމުގެ މަސައްކަތް ކުރިއަށް އެބަގެންދޭ އަދިވެސް. ދެން އަދިވެސް އިތުރު ސަރަހައްދުތައް ހޯދުމަށް އެމްއެންޑީއެފްގެ އެހީތެރިކަން ވެސް ހަމަ ލިބޭނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ރައްޓެހިންނާ އެކު ދަތުރުގޮސް އުޅެނިކޮން ގެއްލުނު މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ގެއްލިގެން ހޯދަންފަށާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އިންޓަޕޯލް ޔެލޯ ނޯޓިސް ވެސް ނެރެފައެވެ. މި ނޯޓިސްއަކީ ގެއްލިގެން ހޯދާ މީހުންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން ނެރެވޭ ނޯޓިސްއެކެވެ.
ތަސްލީމް ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައި ވަނީ ގެއްލުނު ދުވަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހާ ހަަމައަށް 1،050،000 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށްގެން ބަލައިފައިވާ ކަމަށެެވެ. ނަމަވެސް، އޭގެ ފަހުން ހޯދާ، ބެލުނީ ކިހާ ސަރަހައްދެއް ކަމެއް އެމްއެންޑީއެފުން ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ތަސްލީމް މާލެއިން ދަތުރު ފުރީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާ އެކު މިދިޔަ އޮގަސްޓް މަހު 29 ވަނަ ދުވަހުގެ 17:00 އާއި 17:30 އާ ދެމެދުގެ ވަގުތެއްގައެވެ.
ތަސްލީމް ދަތުރުގައި ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރައްޓެހިކަމުގައި، އޭގެ ތެރެއިން ބައެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ މަސައްކަތްތަކެއް ކުރުމަށެވެ. އަދި އެ މީހުން ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު ވެސް އެ ތަނުގައި ތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގައެވެ. އެގޮތުން، އޭނާ މާލެ ދާން ބޭނުންވާ ކަމަށް ބުނުމުން، އެ ދުވަހު 10:00 އާއި 11:00 އާ ދެމެދު މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ، އެ މީހުން އޭނާގެ އާއިލާއަށް ވެސް ގުޅި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.