ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް 25 ގަޑިއިރަށްވުރެ ގިނައިރުގެ ސްޕީޗެއް!

ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް 25 ގަޑިއިރަށްވުރެ ގިނައިރު ވާހަކަ ދެއްކި ސެނެޓާ ކޯރީ ބުކާ. ފޮޓޯ/ގެޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް މިހާތަނަށް ދިން އެންމެ ދިގު ތަގުރީރުގެ ރެކޯޑު އެމެރިކާގެ ނިއު ޖާޒީގެ ސެނެޓާ ކޯރީ ބުކާ މުގުރާލައިފިއެވެ.

އިދިކޮޅު ޑިމެކޮރެޓްސް ޕާޓީއަށް ނިސްބަތްވާ ބުކާގެ ދިގު ތަގުރީރު ނިންމާލީ 25 ގަޑިއިރާއި ހަތަރު މިނެޓަށްފަހުއެވެ.

އެ ތަގުރީރަކީ ބިލެއް ފާސްކުރުމަށް ހުރަސްއެޅުމަށް ފަރުމާކޮށްފައިވާ ތަގުރީރެއް ނޫން ނަމަވެސް، ތަގުރީރު ނިމެންދެން ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮންނަ ސެނެޓުގައި ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓާލާފައެވެ. ގަވާއިދުގައިވާ ގޮތުން އެފަދަ ތަގުރީރުތައް ދެވޭނީ ކެއިން ބުއިމަށް ނުވަތަ ފާޚާނާ ކުރުމަށްވެސް އެއްވެސް ވަރަކަށް ހުސް ވަގުތުކޮޅެއް ނުނަގާ މެދުނުކެނޑިއެވެ.

އެ ރެކޯޑު މީގެކުރިން އޮތީ ރިޕަބްލިކަން ޕާޓީގެ ސެނެޓާ ސްޓްރޮމް ތާމަންޑްގެ އަތުގައެވެ. އޭނާ ވަނީ 1957ވަނަ އަހަރު މަދަނީ ހައްގުތަކުގެ ގާނޫނާ ދެކޮޅަށް 24 ގަޑިއިރާއި 18 މިނެޓް ވަންދެން ވާހަކަ ދައްކާފައެވެ. ތާމަންޑަކީ މިހާރު ވެސް ރިޕަބްލިކަން ޕާޓީގެ މެމްބަރެކެވެ.

ބުކާ ބުނީ ހޯމަ ދުވަހުގެ ހަވީރު އެމެރިކާ ގަޑިން ހަތެއް ޖެހިއިރު ތަގުރީރު ފެށީ ޖިސްމާނީ ގޮތުން ކުޅަދާނަވީހާ ގިނަ އިރަކު ވާހަކަ ދައްކަން ނިންމައިގެން ކަމަށެވެ. އޭނާގެ ތަގުރީރު ނިންމާލީ އަންގާރަ ދުވަހުގެ ރޭގަނޑު އަށެއް ޖެހިއިރުއެވެ.

އުމުރުން 55 އަހަރުގެ ބުކާ ވަނީ ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް ބުނެ ދާއިރާގެ ރައްޔިތުން ފޮނުވާފައިވާ ގިނަ އަދަދެއްގެ ސިޓީ ތަގުރީރުގެ ބޮޑު ބައެއްގައި ކިޔާފައެވެ.

އަންގާރަ ދުވަހުގެ މެންދުރު ފަހު މުޅި ސޯޝަލް މީޑިއާގައި ބޫކާ ޓްރެންޑް ވަމުން ދިޔައިރު، އޭގެ ތެރޭގައި ޓިކްޓޮކް، ބްލޫސްކައި އަދި އެލޮން މާސްކްގެ އެކްސް ވެސް ހިމެނެއެވެ.

އެ ތަގުރީރަށް ބޫކާގެ ޓިކްޓޮކް ލައިވްސްޓްރީމްގައި 350 މިލިއަނަށް ވުރެ ގިނަ "ލައިކްސް" ލިބިފައިވާ ކަމަށް އޭނާގެ އޮފީހުން ބުނާއިރު، އެއްފަހަރާ 300،000އަށް ވުރެ ގިނަ މީހުން އެ ތަގުރީރި ބަލާފައިވެއެވެ. އަދި ބުކާގެ އޮފީހުގެ ފޯނު ލައިނަށް 28،000އަށް ވުރެ ގިނަ ވޮއިސްމެއިލް ލިބުނުއިރު، ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި ކުރީގެ ހައުސް ސްޕީކަރު ރިޕަބްލިކަން ނޭންސީ ޕެލޯސީ، ޑީ ކެލިފޯނިއާ ފަދަ ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ނުފޫޒުގަދަ މެމްބަރުންގެ ތައުރީފު ވެސް ލިބުނެވެ.

އެ ދިގު ތަގުރީރަށް ތައްޔާރުވުމުގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ރޯދަ ހިފި ކަމަށާއި، ތަގުރީރު ފެށުމުގެ މާކުރިން ގިނައިރުތަކެއް ވަންދެން ފެން ނުބޮއެ ހުރި ކަމަށްވެސް ބުކާއާ ހަވާލާދީ އެންބީސީ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް