އީރާނަށް ހަމަލާދޭނެ ކަމަށް ބުނުމުން ރަޝިއާގެ އިންޒާރެއް އެމެރިކާއަށް

ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ސާގޭ ރިޔާބްކޯވް. ފޮޓޯ/އޭއެފްޕީ

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިފިނަމަ، ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ބުނެ ރަޝިއާއިން އެމެރިކާއަށް އިންޒާރު ދީފިއެވެ.

ރަޝިއާއިން އެގޮތަށް ބުނެފައި ވަނީ އެމެރިކާއާއެކު އާ ނިއުކްލިއާ އެއްބަސްވުމެއް ނަހަދައިފިނަމަ، އީރާނު ގޮއްވާލާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

"ހަގީގަތުގައި ވެސް އިންޒާރުތައް އިވެމުން އެބަދޭ، ޑިމާންޑުތައްވެސް އެބަ އިނގޭ،" ރަޝިޔާގެ ޖާނަލް އިންޓަނޭޝަނަލް އެފެއާޒްއަށް ދެއްވި އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރުގެ ނައިބު ސާގޭ ރިޔާބްކޯވް ވިދާޅުވިއެވެ.

"މިފަދަ ގޮތްތަކަކީ އެކަށީގެންވާ ގޮތްތަކެއް ނޫން ކަމަށް އަޅުގަނޑުމެން ދެކެން. އެކަން ކުށްވެރިކުރަން."

ރިޔާބްކޯވް ވިދާޅުވީ ޓްރަމްޕް ދާދި ފަހުން އީރާނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކުން ހަމައެކަނި ވީ ކަމަކީ މިހާރު އޮތް ހާލަތު ގޯސްވުން ކަމަށެވެ.

"މިކަމުގެ ނަތީޖާ، ޚާއްސަކޮށް ހަމަލާތައް ނިއުކްލިއާ މަރުކަޒުތަކަށް ދީފިނަމަ، މުޅި ސަރަހައްދަށް ވެސް މުސީބާތަކަށް ވެދާނެ" ރިޔާބްކޯވް ވިދާޅުވިއެވެ.

"އަދިވެސް ވަގުތު އޮތްއިރު، އެކަށީގެންވާ ގޮތެއްގައި އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރުމަށް މަސައްކަތް ދެގުނަ ކުރަން ޖެހޭ. ރަޝިޔާ އޮތީ އެމެރިކާ، އިރާން އަދި މިކަމަށް ޝައުގުވެރިވާ އެންމެންނަށް ރަނގަޅު ޚިދުމަތްތައް ދޭން ތައްޔާރަށް." އޭނާ ވިދާޅުވިއެވެ.

އީރާނަށް ޓްރަމްޕް ދެއްވި އިންޒާރު

ޓްރަމްޕް ވަނީ އީރާނުން ނިއުކްލިއާ އެއްބަސްވުމެއް ގާއިމުނުކުރާނަމަ، އީރާނު ގޮއްވާލާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ "އެމީހުން އެއްބަސްވުމެއް ނުހަދައިފިނަމަ ބޮން ގޮއްވާނަން. އެއީ މީގެ ކުރިން ނުފެންނަ ފަދަ ބޮން ގޮއްވާލުމެއް" ކަމަށެވެ.

އެމެރިކާގެ ވެރިކަމަށް ޓްރަމްޕް އަނބުރާ ވަޑައިގަތުމަށްފަހު، އީރާނަށް ޕްރެޝަރު ދިނުމުގެ ސިޔާސަތެއް ވަނީ ފަށާފައެވެ.

އެމެރިކާއާއެކު ސީދާ މަޝްވަރާތަކަށް އީރާނުން ދެކޮޅު

އާ ނިއުކްލިއާ އެއްބަސްވުމަކަށް ގޮވާލައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުއްވި ސިޓީފުޅަށް އޮމާން މެދުވެރިކޮށް އީރާނުން ދިން ޖަވާބަކީ އެމެރިކާއާއެކު ސީދާ މަޝްވަރާތައް ނުކުރާނެ ކަމަށެވެ. ނަމަވެސް ކުރިންއޮތް ގޮތަށް ނުސީދާ މުއާމަލާތްތައް ކުރިއަށްގެންދެވޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ނަމަވެސް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާ އެކު އީރާނުން ވެފައިވާ ނިއުކްލިއާ އެއްބަސްވުމުން އެއްފަރާތްވެ، އެމެރިކާ ވަކިކުރި ފަހުން މިފަދަ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް