ދަރިވަރުންނާއި މުދައްރިސުންނަށް ނަފުސާނީ އެހީގެ ހެލްޕްލައިނެއް

ދަރިވަރުންނާއި މުދައްރިސުންނަށް ނަފުސާނީ އެހީގެ ހެލްޕްލައިން ތައާރަފުކުރުން: އެ ހެލްޕްލައިން ތައާރަފުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު -- ފޮޓޯ/ މިނިސްޓްރީ

ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައި ދަރިވަރުންނަށް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭން ގާއިމުކުރި ހެލްޕްލައިން 1484 މުދައްރިސުންނަށް ވެސް ބޭނުންކުރެވޭގޮތް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

ހެނދުނު މިނިސްޓްރީގައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައި މި ހެލްޕްލައިން އިފުތިތާހުކޮށްދެއްވީ މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢެވެ.

މި ހެލްޕްލައިން ގާއިމުކޮށްފައިވަނީ ޔުނިސެފާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާ އެކުގައެވެ.

ދަރިވަރުންނާއި މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭން ހެލްޕްލައިނެއް --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓްރީން ބުނީ، މި ހެލްޕްލައިންގެ މަޤުޞަދަކީ ދަރިވަރުންނާއި މުދައްރިސުންނަށް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށޭނަ ގޮތެއްގައި އެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން، މި ނިޒާމްގެ ތެރެއިން، ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ކަންބޮޑުވުންތަކާ ގުޅިގެން ދިމާވެދާނެ ނަފުސާނީ ހާސްކަމަކުން އަރައިގަތުމަށް ކައުންސެލަރުން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމާއި ދަރިވަރުންނަށް އާލީ އިންޓަވެންޝަން ދިނުމާއި ސްކޫލު ކައުންސިލިން ޚިދުމަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އެޑިޔުކޭޝަން މިނިސްޓްރީން ކުރާ ގިނަ މަސައްކަތްތަކުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުން ކަމަށެވެ.

އެހެންކަމުން، މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަމަކީ މިނިސްޓްރީން އިސްކަންދޭ ކަމެއް ކަމަށާއި މި ހެލްޕްލައިން މެދުވެރިކޮށް، މުދައްރިސުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ދަރިވަރުންނާއި މުދައްރިސުންނަށް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭން ހެލްޕްލައިނެއް މިއަދު ވަނީ ތައާރަފުކޮށްފައި --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މި ހެލްޕްލައިންގެ ޚިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 15:00 އިން ފެށިގެން 21:00 އާ ހަމައަށެވެ.

އެގޮތުން، ހެލްޕްލައިން މެދުވެރިކޮށް ދަރިވަރުންނާއި މުދައްރިސުންނަށް ވެސް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތްކުރައްވާނީ އެ ކަމަށްޓަކައި ޚާއްޞަކޮށް ތަމުރީނުކޮށްފައިވާ ސްކޫލުތަކުގައި ކައުންސެލަރުންނެވެ.

ކައުސެލަރުން ތަމުރީނުކުރުމާއި ހެލްޕްލައިން ޚިދުމަތް ފޯރުކޮށްދޭނެ އުޞޫލުތައް އެކުލަވާލުމުގައި ދިވެހި ރެޑް ކްރެސެންޓުން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް