އިންޑިއާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ހަފުތާގައި ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި މިއީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ އިތުރު ތާރީޚީ ކާމިޔާބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް މިއަދު ސިފަކުރައްވައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ފެއްޓެވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، ރައީސް މިއަދު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.
އެ ދަތުރުފުޅާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލް ވިދާޅުވީ، ރައީސް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވިކަން ފާހަގަކޮށް ޚަލީލް ވަނީ މިއީ ތާރީޚީ ކާމިޔާބެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އޭނާ ވަނީ މެހުމާންދާރީއަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރަށް ޝުކުރުދަންނަވައިފައެވެ.
ޚަލީލް ވިދާޅުވީ، އިންޑިއާ - ރާއްޖެ ގުޅުން ބަދަހިކުރަން ސަރުކާރުން ކުރާ މަސައްކަތް ދެގޮތެއް ނުވެ ދެމިއޮތް ކަމަށެވެ.
އާދިއްތަ ދުވަހުން މިއަދުގެ ނިޔަލަށް ރައީސް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ދްރޫޕަތީ މުރްމޫއާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސްގެ އިންޑިއާ ދަތުރުފުޅާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް، އެ މަނިކުފާނު ނިސްބަތްވާ ޕީއެންސީގެ ބޭބޭފުޅުން ކުރިން ކުރައްވާފައިވާ ތުހުމަތުތައް އަންނަނީ މީސްމީޑިއާގައި ދައުރުކުރަމުންނެވެ.
އެކަމަކު، ރައީސް މުއިއްޒު ވަނީ އިންޑިއާ ދަތުރުފުޅުގައި މިނިވަންކަން ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.