ބޭރުގެ ގައުމުތަކުން ރާއްޖެއަށް އެހީތައް ފޯރުކޮށް ދިން ނަމަވެސް ޚަރަދުތައް ކުޑަ ނުކުރާނަމަ ގައުމަށް ދާއިމީ ހައްލެއް ލިބެން ނެތް ކަމަށް އިގުތިސާދު ދިރާސާކުރައްވާ އިބްރާހީމް އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.
ސަން އޮންލައިން ފެށި 'އެޑިޓަރުގެ ސުވާލު' ފުރަތަމަ ޕްރޮގްރާމްގައި އާތިފް ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދީ ހާލަތުން އަރައިގަތުމަށް މިހާރުން މިހާރަށް އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ރައްޔިތުންނަށް ތެދު ބަހުން މައުލޫމާތު ސާފުކޮށްދިނުން ކަމަށެވެ.
"އުނދަގޫ ވާހަކަ، ދަތި ވާހަކަ އަޑުއަހަން އެހާ ބޭނުމެއް ނުވާނެ ދެއްތޯ މީހުންނެއް، އެހެންވީމަ މިހާރުން މިހާރަށް އަޅުގަނޑަށް ގަބޫލުކުރެވެނީ އެންމެ މުހިންމު ކަމަކީ ސާފު ބަހުން ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުން ކަމަށް،" އާތިފް ވިދާޅުވިއެވެ.
މީގެއިތުރުން، ފިޗުންނާއި މޫޑީސް އިން ފާހަގަކޮށްފައިވާ އެންމެ ބޮޑު ވާހަކައަކީ އިގުތިޞާދު ރަނގަޅު ކުރަން ރާއްޖޭން ފިޔަވަޅުތަކެއް އަޅަމުން އަންނަ ތަން ނުފެންނަ ވާހަކަ ކަމަށާއި، އެ ފިޔަވަޅުތައް އަޅައިގެން ނޫނީ ހައްލެއް ނުލިބޭނެ ކަމަށް އާތިފް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން އާތިފް ވިދާޅުވީ، ގައުމަކުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 100 މިލިއަން ނުވަތަ 200 މިލިއަން ޑޮލަރު ދީފިކަމަށްވާނަމަ ބޭރުގެ ގައުމުތަކަށް ދައްކަން ހުރި ދަރަނިތައް ދައްކަން ފަސޭހަވާނެ ކަމަށެވެ.
"އެކަމަކުވެސް އަޅުގަނޑުމެންގެ މި އޮންނަ އާމްދަނީއަށް ވުރެ ޚަރަދު ބޮޑުވުމުގެ މައްސަލަ. އެއީ އަޅުގަނޑުމެނަށް ޖެހިފައިވާ ފާޑެއްގެ ސަގާފީ ބައްޔެއް ކަހަލަ ކަމެއް. މި ބަލިން އަރައިނުގަނެވި، ޚަރަދުތައް ކުޑަކޮށްގެން ނޫނިއްޔާ އާމްދަނީ އިތުރުކުރުމުގެ މަގުން ހިނގަން ނުފަށާ ކަމަށް ވަންޏާ އަނެއްކާވެސް އައިސް ޖެހޭނީ ހަމަ މިތަނުގަ"
ހަމައެއާއެކު، ގައުމުތަކުން އެހީ ލިބޭ ވާހަކަ ދެކެވޭއިރު، އެހީ ލިބުނު ކަމަށް ވިޔަސް ފިސްކަލް ޑިސިޕްލިނަރީ ގެނެވުމުން ނޫނީ ގައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް އާތިފް ވިދާޅުވިއެވެ.
އެ ހާލަތަށް ރާއްޖޭގެ އިގްތިޞާދު ރަނގަޅު ވުމުން ނޫނީ އިންވެސްޓަރުން ވެސް އެހީއެއް ދޭން ބޭނުންނުވާނެ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރާއްޖޭގެ ބޮންޑު ވިއްކަން ނުކުންނަންވެސް ޖެހިލުންވާނެ ކަމަށެވެ.
އެގޮތުން، ބޮންޑު މާކެޓުގައި ގަނެ ވިއްކާ މީހުން ކުރަނީ ވިޔަފާރީއެއް ކަމަށްވާއިރު، އެ ވިޔަފާރިވެރިން ބޭނުންވާނީ 100 ޑޮލަރަށް ގަންނަ ބޮންޑު 103 ނުވަތަ 105 ޑޮލަރުކަން އާތިފް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ބޮންޑާ ބެހޭ ގޮތުން އެ އިތުބާރު ލިބެން ފަށާނީ އަޅުގަނޑުމެންގެ މިހިރަ ފިސްކަލް އިންބެލެންސްގެ މައްސަލަ ހައްލުކުރަން ފަށައިފިކަން ސީދާ ބުނެދެވުނީމައޭ" އާތިފް ވިދާޅުވިއެވެ.
އިތުރަށް އާތިފް ވިދާޅުވީ، މި ވަގުތު ރާއްޖެއަށް ބޭރު ފައިސާ ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ބައިނަލްއަގުވާމީ ޖިއޯ ޕޮލިޓިކަލް ބޭނުމަކަށްޓަކައި ނޫނީ އެހީއެއް ދޭނެ ކަމަކަށް އާތިފް ގަބޫލެއް ނުކުރައްވައެވެ.
"ޅޮސް އުނދޯއްޔަކަށް އަރުވަން ނޫނިއްޔަކާ މިހާރު ބައިލެޓްރަލް އެސިސްޓެންސެއް ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އެއީ އަޅުގަނޑުމެންގެ އޮޑިން ފެންދިޔަވާ ކަމަށް ފެންނަންޏާ އެ އޮޑިއަށް އަރަން މީހުން ޖެހިލުންވާނެ ދެއްތޯ."
މާލީ ހާލަތު ރަނގަޅު ކުރަން ސަރުކާރުން ފިޔަވަޅުތައް އަޅަން ފަށައިފިކަން ބުނެނުދެވޭ ކަމަށްވާނަމަ ގައުމަށް ބޮޑެތި އިންވެސްޓުމެންޓުތައް ގެންނަންށާއި ބޭރު ފައިސާ ހޯދަން އުނދަގޫވާނެ ކަމަށް އާތިފް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދަރަނި ދެއްކުމުގައި ހުރި ދަތިތައް ފާހަގަކޮށް މި މަހު 11 ގައި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ މަހު 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
ރޭޓިންއަށް ބަދަލު ގެނައި ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރިޒާވްގެ ހާލަތު ވެސް ރަނގަޅުވަމުން އަންނަ ކަމަށް އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.