ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެދިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ހަތަރު ދުވަހު މެދުރާއްޖެތެރޭގެ ސަރަހައްދަށް ވައި ގަދަވި ކަމަށާއި ވިލާގަނޑުގައި ވައި ވަރަށް ގަދަވި ކަމަށެވެ. އެގޮތުން، ވިލާގަނޑު އެންމެ ވައިގަދަވި ކަމަށް ރެކޯޑުކުރެވި ފައި ވަނީ ބ. ދަރަވަންދޫއަށެވެ.
އެރަށަށް ރޭ 23:10ގައި ގަޑިއަކު 55 މޭލު ބާރުމިނުގައި ވައިޖެހިފައިވާއިރު، ހުޅުލެއަށް މިއަދު 05:40ގައި ވަނީ ގަޑިއަކު 58 މޭލަށް ވައި ގަދަވެފައެވެ. އަދި، ހެނދުނު 10:46ގައި 61 މޭލަށް ހުޅުލެއަށް ވައިގަދަވި ކަމަށް މެޓު އޮފީހުން ވަނީ ރެކޯޑުކޮށްފައެވެ.
މީގެއިތުރުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އަންނަ ހޯމަ ދުވަހާ ހަމައަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ބުނެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް އެވަރެޖުކޮށް ގަޑިއަކު 10 މޭލާއި 20 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވޭ. އާންމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭމެޓް އޮފީސް
އެހެންކަމުން، މެޓުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ ކުރާނެތީ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެއްޓުމުގެ ކުރިން އެންމެ ފަހުގެ މޫސުމާ ބެހޭ މައުލޫމާތު ހޯދުމަށް މެޓުން އެދިފައިވެއެވެ.