ކަނޑުއަޑީގެ ހިތްގައިމުކަން ދައްކައިދީ، ޕަޑީއާއެކު ވިކްޓާމާ ރާއްޖޭގައި ކުރު ފިލްމެއް ކުޅެފި

ދުނިޔޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓަރަކްޓާސް (ޕަޑީ) އިން ޗައިނާގެ މަޝްހޫރު ސެލެބްރިޓީ ވިކްޓާމާ އާއި ޓައިގާ ޝަކް ގުޅިގެން އެމްއެމްޕީއާރުސީއާއި މޯލްޑިވިއަންގެ އެހީތެރިކަމާއެކު ކުރު ފިލްމެއް އުފައްދައިފިއެވެ.

ފުވައްމުލައް ސިޓީގައި ޝޫޓްކުރި މި ފިލްމުގެ މަގްސަދަކީ ބަޔޯޑައިވާސިޓީއާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކަނޑުތައް ހިމާޔަތްކުރަން މިހާރުން މިހާރަށް ބޭނުންވެފައިވާ ކަން އަންގައިދިނުން ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

އެގޮތުން، މި ފިލްމުގައި ވިކްޓާ މާ ފެނިގެންދަނީ އިންސާނުންނާއި ކަނޑުއަޑީގެ ދުނިޔެއާ ދެމެދު އޮންނަ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލުމަށް ފެމުނު މިޔަރުތަކާއެކު ޑައިވް ކުރަނިކޮށެވެ.

ފިލްމުގެ އެކިއެކި މަންޒަރުތަކުން ރާއްޖޭގެ ކަނޑުގެ ގުދުރަތީ ރީތިކަން ދައްކުވައިދީ، ހިމާޔަތް ކުރުމުގެ މަސައްކަތުގެ މުހިންމުކަން ދައްކުވައިދޭނެ ކަން އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.

ޕަޑީއާއި ސެލެބްރިޓީ ވިކްޓާމާ ރާއްޖޭގައި ކުރު ފިލްމެއް ކުޅެފި --- ފޮޓޯ/ އެމްއެމްޕީއާރުސީ

މީގެއިތުރުން، ޝޫޓިންގެ ތެރެއިން ގޮނޑުދޮށް ސާފުކުރުމުގެ މަންޒަރުތަކާއި ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމުގައި އެންމެންގެ ބައިވެރިވުން މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ދައްކުވައިދީފައިވެއެވެ،

މި ދަތުރުގެ ބައިވެރިންނަށް މޯލްޑިވިއަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތައް ފޯރުކޮށްދީފައިވާއިރު، ޕްރޮޑަކްޝަން ޓީމަށް އީކުއޭޓާ ކްރޮސިން ސެޓްފިކެޓް ހުށަހަޅައި އިތުރު އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

"މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ޙިމާޔަތްކުރުމަށް އެމްއެމްޕީއާރުސީއާއި މޯލްޑިވިއަންއިން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ،" އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީން އިތުރަށް ބުނީ، މި ޕްރޮޖެކްޓްގައި ވިކްޓާމާގެ ބައިވެރިވުމާއެކު، ކަނޑުގެ ބަޔޯޑައިވާސިޓީ ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ދުނިޔޭގެ ކަނޑުތަކަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށެވެ.

comment ކޮމެންޓް