"ހިންނަވަރު އަތުޖެހި، ބްރައިޓް ވިއު" އަކީ އުސޫލާ ޚިލާފަށް ކުރާ ވިޔަފާރިއެއް: އެމްއެފްޑީއޭ

ފިހާރަތަކުގައި ވިއްކަން ހުންނަ "ހިންނަވަރު އަތުޖެހި، ބްރައިޓް ވިއު" ޕްރޮޑަކްޓެއް: އެމްއެފްޑީއޭއިން ބުނީ މި ޕްރޮޑަކްޓް ވިއްކަނީ އުސޫލާ ޚިލާފަށް ކަމަށް -- ފޮޓޯ/ އެމްއެފްޑީއޭ

ފިހާރަތަކުގައި ވިއްކަން ހުންނަ "ހިންނަވަރު އަތުޖެހި، ބްރައިޓް ވިއު" އުފެއްދުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އުސޫލާ އެއްގޮތަށް ދަފްތަރުކޮށްގެން ކުރާ ވިޔަފާރިއެއް ނޫން ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފިއެވެ.

އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ "ހިންނަވަރު އަތުޖެހި، ބްރައިޓް ވިއު" ތައްޔާރުކޮށްފައިވާ ފަރާތަކީ، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލުގެ ދަށުން އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމަށެވެ.

އަދި އެ އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެ އުސޫލުގެ ދަށުން ދަފްތަރުކުރާ ފަރާތްތަކުގެ މައުލޫމާތު، 'އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު'ގެ ނަމުގައި އެ އޮތޯރިޓީގެ 'ދިރިތި' ޕޯޓަލް އާއި ވެބްސައިޓްގެ އިތުރުން ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރަމުންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން ކާބޯތަކެތި ގަތުމުގައި އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އުސޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމަ އެކަން އެ އޮތޯރިޓީގެ ނަންބަރު 7603204 އަދި 3014361ކަށް ގުޅައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އެމްއެފްޑީއޭއިން އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ލޯގޯ ދޫކުރުން ހުއްޓާލައި، އެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރުވުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ ނުވައެއްގައެވެ.

މީގެ ކުރިން ކާބޯތަކެތި އުފައްދައި، އެ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ދަފްތަރުކޮށްފައި އޮތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ދަށުގައެވެ. އެހެން ނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ގާނޫނުގެ ދަށުން އެ މަސައްކަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށް، އެ އިދާރާއަށްވަނީ އެ ގާނޫނުގެ ދަށުން ބާރުތަކެއް ވެސް ދީފައެވެ.

comment ކޮމެންޓް