ކާބޯތަކެތި ލިބެން ހުރި ކަމަށް ބުނެ، ކުރާ އިޝްތިހާރަށް ހުއްދައެއް ބޭނުމެއް ނުވާނެ ކަަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މީގެ ކުރިން ކުރި ގެޒެޓެއްގައި ވަނީ، ކެއިންބުއިމަށް ބޭނުންކުރާ އެއްވެސް ބާވަތެއްގެ އެއްޗެއް އިޝްތިހާރު ކުރާ ނަމަ އެ އިދާރާގެ ހުއްދަ ނަގަން ޖެހޭނެކަމަށެވެ.
އެ ގަވައިދާ ގުޅިގެން އާންމުންނާ ކުދި ވިޔަފާރިތަކުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމަކަށް އެ ވިޔަފާރިވެރިން ފާހަގަކުރަނީ، ކާބޯތަކެތި ވިއްކަން ޖަހާ ވަކިވަކި ޕޯސްޓުތަކާއި އިޝްތިހާރުތަކަށް، ހުއްދަ ނަގަން ޖެހުމެވެ.
މިކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް މީހުން ވަނީ ބުނެފައެވެ. އަދި މި ގަވާއިދު ބަދަލުކުރަން ބައެއް މީހުން ވަނީ ގޮވައިލައިފައެވެ.
މިއަދު އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ހުއްދަ ނަގަން ޖެހޭނީ، ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރާ އިޝްތިހާރުތަކުން ކަމަށެވެ.
މިގޮތުން، ރެސްޓޯރަންޓު ފަދަ ތަންތަނުގައި ބޭނުންކުރާ މެނޫއާއި ކާބޯތަކެތީގެ ޚިދުމަތް ނުވަތަ ވަކި ކާބޯތަކެއްޗެއް ލިބެން ހުރި ކަމަށް ބުނެ ހަދާފައިވާ ވާޗުއަލް ޕްލެޓްފޯމު ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓުތަކަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް އެބަޔާނުގައިވެއެވެ.
އެކަމަކު، އެހެން ކޮށްފައިވާ ޕޯސްޓެއްގައި ހިމެނޭ ކާބޯތަކެއްޗަކީ އެހެން ކާބޯތަކެއްޗަކާ އަޅާކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ނުވަތަ އެ ކާބޯތަކެއްޗެއްގެ މަގުބޫލުކަން ދޭހަވާ ކަމެއް ހިމަނާފައިވާނަމަ އެ މިނިސްޓްރީންގެ ހުއްދަ ނުލިބި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ވަނީ ބުނެފައެވެ.
އިޝްތިހާރު ކުރުމާ ބެހޭ ގަވައިދުގެ ދަށުން ހުއްދަ ހޯދަން ހުށަހެޅޭނީ 'ދިރިތި ޕޯޓަލް'އިން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން އެ ފަދަ އިޝްތިހާރުތަކަށް ހުއްދަ ދޫކުރަނީ ތިން އަަހަރަށް ކަމަށްވާއިރު، ފާސްކޮށްފައިވާ އިޝްތިހާރަށް ބަދަލެއް ގެނެސްފި ނަމަ، އާ އިޝްތިހާރެއްގެ ގޮތުގައި ފާސްކުރަން ޖެހެއެވެ.