ފެނަކައިގެ ހިންގުން ހަރުދަނާ ކުރަން އޭސީސީގެ ލަފާ ހޯދައިފި

ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމަށް އޭސީސީގެ ލަފާ ހޯދައިފި: ފެނަކައިން ބުނީ އޭސީސީގެ ލަފާގެ މަތިން ކުންފުނީގެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށް -- ފޮޓޯ/ ފެނަކަ

ފެނަކަ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލަފާ ހޯދައިފިއެވެ.

ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭސީސީއާ ގުޅިގެން، އެ ކޮމިޝަންގެ ތަޖުރިބާގެ އަލީގައި، ފެނަކައިގެ ހިންގުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ސްޓްރެޓެޖީތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ އޮޕަރޭޝަންތަައް ހިންގުމުގައި ނަޒާހަތްތެރިކަމާއި ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.

"ސަން" އަށް މައުލޫމާތުދެމުން ފެނަކައިން ބުނީ އިއްޔެ އެ ކުންފުނިން އޭސީސީއާއެކު ބޭއްވި ބައްދަލުވުމަކީ އެ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އޭސީސީގެ ލަފާ ހޯދުމަށްޓަކައި ބާއްވާފައިވާ ބައްދަލުވުމެއް ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެސީސީއަކީ އެކަމުގެ ލަފާ އެންމެ ރަނގަޅަށް ދެވޭނެ ކޮމިޝަނެވެ. އެގޮތުން އޭސީސީގެ ލަފާގެ މަތިން ކުންފުނީގެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.

ފެނަކައަކީ ދިގު މުއްދަތެއް ވަންދެން ފައިދާނުވެ، ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެކެވެ. އެ ކުންފުނީގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގައިފައިވާ ކަމަށް ވެސް މީގެ ކުރިން ތުހުމަތުކޮށްފައިވެއެވެ.

ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ކޮރަޕްޝަންގެ 25 މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މީގެ ކުރިން ވިދާޅުވިއެވެ.

އެ ކުންފުނި އޮތީ 1.7 ބިލިއަން ރުފިޔާއިން ދަރުވާލާފައި ކަމަށް ފެނަކައިން ވަނީ މީގެ ކުރިން ބުނެފައެވެ.

މިފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހަމަޖެއްސެވުމަށްޓަކައި ނިންމަވައިފައެވެ.

ދަރަނިން ސަލާމަތްކޮށް ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ސަރުކާރުގެ ފުރަތަމަ އަށް މަސް ދުވަހު ފެނަކައިގެ ޚަރަދުން 60 އިންސައްތަ ކުޑަކުރެވިއްޖެ ކަމަށް މުއާޒް މީގެ ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް