ޑޮލަރުގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް ދިޔައީ ސަރުކާރުގެ ބޮޑު އިސްރާފާއި ޚަރަދު ކުޑަނުކުރުމުން: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: ވިދާޅުވީ ޑޮލަރުގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް ދިޔައީ ސަރުކާރުގެ ބޮޑު އިސްރާފާއި ޚަރަދު ކުޑަނުކުރުމުންކަމަށް. ---- ސަން ފޮޓޯ/ މޫސާ ނަދީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު 17.50 ރުފިޔާގައި ހުރި ޑޮލަރުގެ އަގު މިއަދު 23 ރުފިޔާއަށްވުރެ މައްޗަށް ދިޔައީ ސަރުކާރުން ތަންފީޒުކުރަން ފެށި ސިޔާސަތުތައް މަދުވެގެން ނޫން ކަމަށާއި، އިގުތިސާދު ފުން އަނދަވަޅަކަށް ވެއްޓުނީ ސަރުކާރުގެ ބޮޑު އިސްރާފާއި ޚަރަދު ކުޑަނުކުރުމުގެ ސަބަބުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއަޕޯޓު ފީތައް ބޮޑުކޮށް، ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ އިތުރުން އީ-ކޮމާސް ސައިޓުތަކުން 30 ޕަސެންޓު ނަގަމުންދާތީ، ރާއްޖޭގެ ތާރީޚުގައި ސަރުކާރަކަށް ޑޮލަރުން އާމްދަނީ ނުލިބޭ މިންވަރަށް އާމްދަނީ ލިބެމުންދާ ކަމަށެވެ.

އެ ފިޔަވަޅުތަކަކީ ޚަރަދު ކުޑަކުރުމާ އެކުއެކީގައި އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނުއިރު ވެސް ރާއްޖޭގެ އިގުތިސާދު ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް މި ސަރުކާރުން އިގުތިސާދު ވައްޓާލާފައިވާ ކަމަށެވެ.

"ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނުއިރު ވެސް ރާއްޖޭގެ އިގުތިސޯދު ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް މި ސަރުކާރުން ވަނީ ވައްޓާލާފައި. ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުން އެ ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން، ހަރަދު ކުޑަނުކުރާތީ،" ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް --- ސަން ފޮޓޯ

ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދަނީ ރަސްމާލެ ހިއްކުމާއި، އަސްކަރީ ޑްރޯނާއި ހަތިޔާރު ގަތުމާއި، ބިލިއަނުން ކުރާ މުސާރައިގެ ޚަރަދުތަކުގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން ކަމަށްވާއިރު، އެކަމުގެ ޒިންމާ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ބޮލުގައި ނޭޅުވޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

"މިއަދު އެ ދިމާކުރަނީ ދިވެހި އިގުތިސާދުގެ މައި އިންޖީނު ހިންގައިދޭ ރިސޯޓު މުވައްޒަފުންނާ. އެ އުޅެނީ ސަރުކާރުގެ ބޮޑު އިސްރާފަށް އެތައް ހާސް ދިވެހިންނެއްގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ފަންޑުކުރަން،" ފައްޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން ޕްރައިވެޓް ސެކްޓާ އެއްކޮށް ފުނޑާލިއިރު ބޭރުން ފައިސާއެއް ނުވަތަ އިންވެސްޓްމަންޓެއް ވެސް ނުގެނެވުނު ކަމަށާއި، ބީއެމްއެލް އަދި އެމްއެމްއޭ ރައީސް އޮފީހުގެ ގޮފިތަކެއްގެ ގޮތުގައި ބޭނުންކޮށް، މާރުކުރާ ޑޮލަރު ސިޔާސީ ކަންކަމަށާއި އިގުތިސޯދަށް މަންފާނުވާ ކަންކަމަށް ބޭނުންކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އަދި މިދިޔަ މަހު ގާނޫނީ އިމުގެ ބޭރުން 2.4 ބިލިއަން ރުފިޔާ ޗާޕުކޮށްގެން އިގުތިސާދަށް ވައްދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ކުރަންޖެހޭ ހަރަދުތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރަށް ބެލުމެއްނެތި، ލިބޭ ބޭރުފައިސާ ސަރުކާރުގެ އިސްރާފުތަކަށް ޚަރަދުކުރުމަށް މާރުކުރަން މަޖުބޫރުކުރުމަކީ ވިޔަފާރިތައް ފުނޑި، ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސްޖެހުން ގެނުވާނެ ކަމެއް ކަމަށެވެ.

އަދި ދިވެހި އިގުތިޞާދުގެ ވިންދަކީ ޓޫރިޒަމް ވިޔަފާރިތަކާއި މަސައްކަތްތެރިން ކަމަށްވާއިރު، އެ ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/226478

ފާހަގަކޮށްލެވޭގޮތުގައި ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން ކުރިން އޮތް އޮތުން 40 އިންސައްތައަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

https://sun.mv/226478

ގަވަރުނަރު މިފަދައިން ވިދާޅުވިއިރު، މިކަމަށް ރައްދުދެއްވައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވަނީ ބަޔާނެއްވެސް ނެރެފައެވެ. މަތީން ނެރުނު ބަޔާނުގައި ބުނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ، އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށެވެ.

comment ކޮމެންޓް