ޝާދިޔާ ބަންދުކުރަން ނެރުނު އަމުރަކީ ގަވައިދާ ޚިލާފު ބާތިލް އަމުރެއްކަމަށް ކަނޑައަޅައިފި

އާއިޝަތު ޝާދިޔާ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަަލައިގެ ހުކުމްކުރުމަށް އޮތް ޝަރީއަތުގެ މަޖިލިސް --

އިސްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްބަސީތަކުގެ ކައިރީގައި އަޑުއުފުލަމުން ދަނިކޮށް، ދީނީ ޢިލްމުވެރިޔާ ޑރ. އަޙުމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ ބަންދުކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގަވައިދާ ޚިލާފަށް ނެރުނު އަމުރެއްކަމަށް ކަނޑައަޅައި، މިއަދު އެ އަމުރު ބާތިލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޝާދިޔާ ފަސް ދުވަހަށް ބަންދު ކުރުމަށް ކުރި އަމުރުގެ ކުރިން، އޭނާ ތިން ދުވަހަށް ބަންދު ކުރުމަށް އަމުރުކުރިއެވެ. އެ ދެ އަމުރު ވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

އެއާއެކު މިއަދު މައްސަލައިގައި ތިން ދުވަހަށް ބަންދުކުރި އަމުރުގެ މައްސަަލައިގައި ނިޔާ ކަނޑައެޅުމަށް އަޑުއެހުމެއް ވަނީ ބާއްވައިފައެވެ.

ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތު ބެލެހެއްޓެވި ހުޒައިފާ މުޙައްމަދުވަނީ ޝާދިޔާ ފުރަތަމަ ތިން ދުވަހަށް ބަންދުުކުރަން ނިންމި ނިންމުން ބާތިލްކުރަން ފެންނަ ކަމަށް ވިދާޅުވެފައެވެ. އެއީ އެ އަމުރަކީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވައިދުގެ (ނ)އާ ޚިލާފަށް ނެރެފައިވާ އަމުރަކަށް ވާތީކަމަށް ހައިކޯޓުންވަނީ ބުނެފައެވެ.

އެ ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއުއާއި ފަނޑިޔާރު އަބްދުލް މާނިއު ހުސައިން ވަނީ ތާއީދުކުރައްވައިފައެވެ.

މި މައްސަލައިގައި މީގެ ކުރިން އޮތް އަޑުއެހުމުގައި ޝާދިޔާގެ ފަރާތުން ކޯޓުގައި ގިނަ ކަންތައްތަކެއް ފާހަގަކުރިއެވެ. އެއީ:

  • އޭނާ ހައްޔަރުކޮށްފައިވަނީ އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށްކަން
  • އޭނާ ހައްޔަރުކޮށްފައިވަނީ ތުހުމަތު ކުރެވޭ ކުށަށް ބާރުދޭ އެއްވެސް ހެއްކެއް ނެތިކަން
  • އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ޚިލާފަށްކަން
  • އޭނާ ބަންދުކޮށްގެން ގެންގުޅެފައިވަނީ ގާނޫނާ ޚިލާފަށް ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންކަން

އެއާއެކު އޭނާގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ، އޭނާ ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ، އަދި އެ ކަމުގެ ބަދަލު ދިނުމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

comment ކޮމެންޓް