ލޯންޗުތަކުގައި ރޭސްޖެހި 3 މީހުންގެ ލައިސެންސް ހިފަހައްޓައިފި

ނެރަށް ވަންނަން ލޯންޗުތައް ރޭސްޖަހަނީ: ފުލުހުން ވަނީ ލޯންޗު ދުއްވި 3 މީހުންގެ ލައިސެންސް ހިފަހައްޓާފައި ----

ރަށެއްގެ ފަޅަށް ވަންނަން ރޭސް ޖެހި ލޯންޗުތަކުގެ މައްސަލާގައި ތިން މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލަ ފެންމަތިވީ މިދިޔަ ހޮނިހިރު ދުވަހެވެ.

އެ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ، ރަށެއްގެ ފަޅަށް ވަނުމަށް ދެ ލޯންޗަކުން ރޭސް ޖަހާ މަންޒަރެވެ. އެގޮތުން، އެއް ލޯންޗުގެ ދުވެލި ބާރުކޮށް، އަނެއް ލޯންޗަށް ވުރެ ކުރިން ފަޅަށް ވަންނަތަން ފެނެއެވެ. ދެ ލޯންޗު ފަޅަށް ވަނީ ވަރަށް ކައިރިކައިރިންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލައާ ގުޅިގެން ލޯންޗު ދުއްވި ތިން މީހުންގެ ވެސް ލައިސެންސް އެ ދުވަހު ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.

އަދި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޓްރާޏްސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ އެ މިނިސްޓްރީން ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ މަންޒަރަކީ މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އއ. އަތޮޅުގައި ހިނގާފައިވާ ކަމެއް ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

ދެ ލޯންޗު ޖެހި ނުރައްކާތެރި އެތައް އެކްސިޑެންޓެއް މީގެ ކުރިން ހިނގާފައި އެބަހުއްޓެވެ. އެފަދަ ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައިވެއެވެ.

comment ކޮމެންޓް