މިދިޔަ މަހު ރިޒާވުން 72 މިލިއަން ޑޮލަރު މަދުވެ، ޔޫސަބަލް ރިޒާވް ވެސް ދަށްވެއްޖެ

މަރުކަޒީ ބޭންކް، އެމްއެމްއޭ --- ސަން ފައިލް ފޮޓޯ/

ދައުލަތުގެ ރަސްމީ ރިޒާވުން މިދިޔަ ސެޕްޓެމްބަރު މަހު 72 މިލިއަން ޑޮލަރު މަދުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި އޯގަސްޓު މަހު ރިޒާވުގައި 443.88 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ ޖުލައި މަހާ އަޅައިކިޔާއިރު 48.45 މިލިއަން ޑޮލަރު އިތުރުވުމެކެވެ.

ނަމަވެސް މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 371.22 މިލިއަން ޑޮލަރަށް މަދުވެފައެވެ.

އޯގަސްޓު މަހު ޔޫސަބަލް ރިޒާވް 61 މިލިއަން ޑޮލަރަށް އިތުރުވިއެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 49 މިލިއަން ޑޮލަރަށް މަދުވެފައެވެ.

ރިޒާވްގެ އަދަަދުތައް ދަށްވެފައިވަނިކޮށް އިއްޔެ، ވަނީ ދައުލަތުން 2021ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި މި މަހު ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފައެވެ.

https://sun.mv/197616

އެމްއެމްއޭއިން އިއްޔެ ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އާއެކު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެއާއެކު ރިޒާވަށް ފައިސާ އިތުރުވާނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް