ރާއްޖެއަށް ކުރިމަތިވެފައި އޮތް އިގްތިޞާދީ އަނދަވަޅުން އަރައިގަތުމަށް އަވައްޓެރި އިންޑިއާއާ ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ގުޅުން ރަނގަޅުވުމަކީ ދެ ގައުމުގެ ރައްޔިތުންނަށް މަންފާ ކުރާނެ ކަމެއް ކަން ޔަގީން ކަމަށެވެ. އެގޮތުން، ރާއްޖެ ވެއްޓިފައިވާ އިގްތިޞާދީ އަނދަވަޅުން އަރައިގަތުމަށް އެންމެ ފަސޭހަ ވާނީ އިންޑިއާއާ ގުޅުން ބަދަހި ކުރުމުން ކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.
އެ ގައުމާ ގުޅުން ބަދަހިކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި ހުއްޓިފައިވާ ޕްރޮޖެކްޓުތައް އަލުން ފެށޭނެ ކަމަށް އައްބާސް ގަބޫލުކުރައްވައެވެ.
އަދި، އިންޑިއާ އާ ގުޅުން ބަދަހިކުރުމުން ތަކެތީގެ އަގު ހެޔޮވެ، ރާއްޖޭގެ އިގްތިޞާދު ރަނގަޅުވާނެ ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ރައީސް މުއިއްޒު: ރައީސް ވިދާޅުވީ ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންފުޅުވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ފުރަމަނާ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވާފައެވެ.
އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާއިން ޚާރިޖީ ގުޅުން ރަސްމީ ސިފައެއްގައި ގާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އެހެންކަމުން، އެ މަނިކުފާނު ވަނީ އެ މުނާސަބާ ފާހަގަކުރުމަށް ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ދައުވަތު އަރުވައިފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ބޭނުންޖެހޭ ކޮންމެ ފަހަރަކު ވެސް އިންޑިއާއިން އެހީވާ ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންފުޅުވާ ކަމަށެވެ.
އެދަތުރުފުޅުގެ ތެރެއިން، އިންޑިއާ ރުޕޭ ކާޑުގެ ޚިދުމަތް މިއަދު ވަނީ ރާއްޖޭގައި އިފުތިތާހުކޮށްފައެވެ. އަދި، ކުރީ ސަރުކާރުގައި ހިންގި ބައެއް މަޝްރޫއުތައް ވެސް މިއަދު ވަނީ ސަރުކާރާ ހަވާލުކޮށްފައެވެ. ރައީސް މުއިއްޒު ވަނީ އެ ކަންކަމަށް އިންޑިއާއަށް ޝުކުރު އަދާކުރައްވައިފައެވެ.