އީދު ތަހުނިޔާއާއެކު ސިޔާމް އެދިވަޑައިގަތީ އަޅުކަމުގައި ދެމިތިބުމަށް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ދ. މީދޫއަށް ވަޑައިގަތުން -- ސަން ފޮޓޯ/ އަމަން

ފިތުރު އީދުގެ ތަހުނިޔާ އަރިސް ކުރެއްވުމަށް ފަހު, ދީނީ އަޅުކަންތަކުގައި ދެމިތިބުމަށް, އެމްޑީއޭގެ ރައީސް، އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު އެދިވަޑައިގެންފިއެވެ.

މާދަމާ ފާހަގަ ކުރާ އީދު ދުވަހާ ގުޅުވައި ސިޔާމް ދެއްވި ޚިތާބުގައި ވިދާޅުވީ ފިތުރު އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި އުފާވެރި ދުވަސް ފާހަގަ ކުރާ އެންމެހާ ފަރާތްތަކަށް އަރިސް ކުރައްވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ފިތުރު އީދު މި ބައްދަލު ކުރީ ފަލަސްތީނުގެ އަޚުންނާއި އުޚުތުން ތަހައްމަލު ކުރަމުން ދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި, ބިރުވެރި ހަނގުރާމައިގެ ޖަރީމާގެ ހިތި ހަނދާންތައް އާކޮށްދެމުން ކަމަށެވެ.

ސިޔާމް ވިދާޅުވީ ފިތުރު އީދަކީ އުފާފާޅުކުރުމާއި އޯގާތެރިކަމާއި ދީލަތިކަން އިސްކުރުމުގެ މުނާސަބަތެއް ކަމަށެވެ.

"ޚާއްސަކޮށް ރަމަޟާން މަހުގެ އަޅުކަމުގައި ހޭދަ ކުރި ވަގުތުތަކުގެ ހަނދާން އާކޮށް, އެ އަޅުކަމުގެ މަތީގައި ދެމި ތިބުމަށް ހިތްވަރުދޭ މުހިންމު ދުވަހެއް." އެ މަނިކުފާނުގެ ޚިތާބުގައި ވިދާޅުވިއެވެ.

"އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް, ރަމަޟާން މަހެކޭ އެއްފަދައިން, އަހަރުގެ ކުރިއަށް އޮތް މަސްތަކުގައި ވެސް ދީނީ އަޅުކަންތައް ފުރިހަމައަށް އަދާ ކުރުމަށް ސަމާލުކަންދީ, އެކަމުގެ މަތީގައި ދެމިތިބުމަށް މިއަދު އަޒުމު ކަނޑައެޅުން މުހިންމު."

ސިޔާމް ވިދާޅުވީ ފިތުރު އީދަކީ މާތްاللهއަށް ހަމްދާއި ޝުކުރު ދެންނެވުމާއި ތަކުބީރު ކިޔުމުގެ މަތީގައި ދެމިތިބުމުގެ އީދެއް ކަމަށެވެ. އަދި މިއީ ޝުކުރުވެރިވުމާއި ޝުކުރު ފާޅު ކުރުމުގެ އީދެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި އީދުން އަޅުގަނޑުމެންނަށް ދަސްވަނީ ހުރިހާ އިންސާނުންނަކީ ވެސް އެއް އާއިލާއެއްގެ މެންބަރުންނާ އެއްފަދަ ބައެއްކަން. އެހެންކަމުން މި އީދުގެ އުފަލުގައި މުޖުތަމައުގެ ހުރިހާ ފަރާތްތަކެއް ބައިވެރިކޮށް, އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުމަށް މަސައްކަތް ކުރުމަށް ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން," ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް