މިންތީގެ ހަމަހަމަކަން ގާއިމު ކުރުމުގައި ގައުމީ ފެންވަރެއްގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވިފައި ވީ ނަމަވެސް އެ ދާއިރާއިން އިތުރަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް, އެމްޑީއޭގެ ރައީސް، އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާތައް އެމްޑީއޭގެ ހުރިހާ އަންހެން މެންބަރުންނަށާއި ދިވެހި ރާއްޖޭގެ ހުރިހާ އަންހެނުންނަށް އަރިސް ކުރައްވައިފައެވެ.
އެ ބަޔާނުގައި ސިޔާމް އިތުރަށް ވިދާޅުވީ މިއަދަކީ ގައުމަށް ދިވެހި ކަނބަލުން ކޮށްދެއްވަމުން އަންނަ ޚިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާ ކުރުމަށް މުހިންމު ފުރުސަތެއް ކަމަށެވެ.
ސިޔާމް ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމުގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވީނަމަވެސް އެ ދާއިރާއިން އަދި ވެސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
"ޚާއްސަކޮށް ޖިންސީ ތަފާތުކުރުންތައް ނައްތާލުމާއި, އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެއް," ސިޔާމް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކުރުމަކީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ސިޔާސީ މައިދާނަކީ އަންހެނުންނަށް ވަނުމަށް އެންމެ ގޮންޖެހުންތައް ބޮޑު އާއްމު ދާއިރާތަކުގެ ތެރެއިން އެއް ދާއިރާ ކަމުގައިވާތީ, ވެރިކަން ހިންގުމުގެ ނިޒާމާއި, ގާނޫނު ހެދުމުގެ ނިޒާމާއި, އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމުގެ ތެރޭގައި އަންހެނުންނަށް ފުރިހަމައަށް ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ އަޅުގަނޑުމެންގެ އިސް އަމާޒަކަށް ވާން ޖެހޭ," ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އަބަދުވެސް އެދިވަޑައިގަންނަވަނީ ރާއްޖޭގެ އަންހެނުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް ކަމަށެވެ. އަދި އަންހެނުންނާއި ފިރިހެނުންގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބިގެން ދިވެހި ގައުމު އިތުރަށް ކުރިއެރުމަކީ އެމަނިކުފާނުގެ ދުއާ ކަމަށް ވިދާޅުވިއެވެ.