ރައީސް މުއިއްޒުގެ ދެކަނބަލުންނަށް އިންޑިއާއިން ހޫނު މަރުހަބާއެއް ކިޔައިފި

ރައީސް މުއިއްޒުގެ ދެކަނބަލުންނަށް އިންޑިއާއިން ހޫނު މަރުހަބާއެއް ކިޔައިފި: ރަސްމީކޮށް މަރުހަބާ ކިޔުއްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެ ގައުމުގެ ރައީސް ދްރޫޕަތީ މުރްމުރް -- ފޮޓޯ/ އެކްސް: ޕްރެސިޑެންޓް އޮފް އިންޑީއާ

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް، އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫއާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީކޮށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެމަނިކުފާނުގެ ދެކނަބަލުންނަށް ރަސްމީކޮށް މަރުހަބާ ކިޔުއްވުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ބޭއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގައެވެ.

މޯދީއާއި، މުރްމޫގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ރަތް ދޫލައިން ކިޔުއްވި އެ މަރުހަބާގައި ރައީސް މުއިއްޒުގެ އަރިހުގައި ވަޑައިގެންނެވި 50 ބޭފުޅުންގެ ވަފުދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ އިއްޔެ ވަނީ ބައްދަލުކުރައްވައިފައެވެ.

އިއްޔެ ރައީސް މުއިއްޒު ވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޕްރޮގްރާމްގައި ބައިވެރިވާން ނުޖެހޭނެ ކަމަށާއި އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އެހީވާނެކަން ޔަގީންވާ ކަމަށް ވިދާޅުވެފައެވެ.

އަދި "ޓައިމްސް އޮފް އިންޑިއާ"އަށް ދެއްވި އެކްސްލޫސިލް އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ދިވެހި ރާއްޖެއިން ޗައިނާއާއެކު ގުޅުން ބަދަހިކުރި ނަމަވެސް، އިންޑިއާގެ ސަލާމަތީ މަސްލަހަތަށް އުނިކަމެއް އަންނާނެ ކަމެއް ނުކުރާނެކަމަށް ވިދާޅުވެފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރޭ، އެމަނިކުފާނު ވަނީ ދިއްލީގައި އުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އާއްމުގޮތެއްގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރީގެ ރައީސުން އެންމެ ފުރަތަމަ ވެސް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައި ވަނީ އަވައްޓެރި އިންޑިއާއަށެވެ.

އެއާ ޚިލާފަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. ފުރަމާނަ ދަތުރުފުޅެއް ފުރަތަމަ ކުރެއްވީ ޗައިނާއަށެވެ.

އޭގެ ފަހުން ސަރުކާރުގެ ބައެއް ވަޒީރުން ވަނީ އެކި ފަހަރުމަތިން އިންޑިއާއަށް ރަސްމީ ދަތުރުތަކުގައި ވަޑައިގެންފައެވެ. އަދި މި ފަހުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

comment ކޮމެންޓް