ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެ ކުއްޖާއަށް ގުރުއާން ކިޔަވައިދިން ޓީޗަރުގެ މައްޗަށް 14 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ބާތިލުކޮށްފިއެވެ.
މިއީ 2020 ވަނަ އަހަރު ހުށަހެޅި މައްސަލައެކެވެ. އުމުރުން 11 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ހުށަހެޅީ ކުއްޖާގެ އުމުރުން 17 އަހަރުގައެވެ.
އެ މައްސަލައިގެ ތުހުމަތު ދެމީހެއްގެ މައްޗަށް އުފުލިއެވެ. އެއީ އެ ކުއްޖާގެ ގުރުއާން ޓީޗަރާއި އެ ރަށު ސްކޫލް ގްރޭޑް ހަތެއްގައި އިސްލާމް ކިޔަވައިދިން ޓީޗަރުގެ މައްޗަށެވެ.
ތަހުގީގުގައި ކުއްޖާ ބުނެފައިވާ ގޮތުގައި ގުރުއާން ކުލާހުގައި ކުއްޖާ އިންދާ ކައިރީގައި އިށީނދެ އޭނާގެ ގައިގާ ހިފާފައިވެއެވެ. އަދި އޭގެ ފަހުން ކުޑަކުއްޖާ ބަރަހަނާކޮށް ފޮޓޯ ނަގައި ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެ ވާހަކަ އެ ކުއްޖާ ހިއްސާކުރީ އިސްލާމް ޓީޗަރާ ކަމަށް ތަހުގީގަށް ބުނެފައިވެއެވެ. ނަމަވެސް ކުއްޖާ ފަލީހަތް ކޮށްލާނެ ކަމުގެ ބިރު ދައްކައި، އިސްލާމް ޓީޗަރު ވެސް ޖިންސީ ގޯނާ ކުރަން ފެށި ކަމަށް އެ ކުއްޖާ ވަނީ ބުނެފައެވެ.
އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރެ އެ ކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އިސްލާމް ޓީޗަރުގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އޭރު ނިންމިއެވެ. ކުށް ސާބިތުވެ، ގުރުއާން ޓީޗަރުގެ މައްޗަށް 14 އަހަރާއި، 11 މަހާއި 20 ދުވަސް ކްރިމިނަލް ކޯޓުން ޖެހިއެވެ.
އިއްޔެ ހައިކޯޓުން ކުރި ހުކުމުގައި ވަނީ ގުރުއާން ޓީޗަރުގެ މައްޗަށް ކުރި ޖަލު ހުކުމް ބާތިލުކޮށްފައެވެ. އެ ނިންމުން ނިންމާފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑީޔާރުންގެ ތެރެއިން އިސް ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އަޣުލަބިއްޔަތުންނެވެ. އެ މައްސަލާގައި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ތަފާތެވެ.
އެ ހުކުމް ބާތިލުކޮށް ސަބަބުގައި ފާހަގަކޮށްފައި ވަނީ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް ކުއްޖާ ދައްކާފައިވަނީ ފަސް އަހަރު ފަހުން (ކުއްޖާގެ އުމުރުން 17 އަހަރުގައި) ކަމުގައި ވާތީ އެ އުމުރަކީ ކުއްޖާއަށް މީހުންނާ ބެހޭ ގޮތުން އުފައްދައިގެން ވާހަކަތައް ކިޔައިދެވޭނެ އުމުރު ކަމަށް ވަނީ ބުނެފައެވެ. އަދި އިސްލާމް ޓީޗަރުގެ މައްޗަށް ކުށް ސާބިތުނުވެ، ގުރުއާން ޓީޗަރުގެ މައްޗަށް ކުށް ސާބިތުކުރުމުން ވަކި ގޮތަކަށް ކަން ކޮށްފައި އޮތްކަން ވެސް ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު ޖިންސީ ގޯނާ ލިބުނު ކަމަށް ނަގާފައިވާ ދެ ބަޔާނުގައި ވެސް ފުށުއެރުންތަކެއްވާކަން ސަބަބުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް ހަސަން ޝަފީއުގެ ރައުޔުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަންޖެހޭ ކަމަށެވެ. އެ ރައުޔުގައި ކުޑަކުއްޖާއަށް ގުރުއާން ޓީޗަރު ޖިންސީ ގޯނާކުރިކަން އިސްލާމް ޓީޗަރަށް ކިޔައިދިންކަން ފާހަގަކުރިއެވެ. އަދި ކިޔައިދިނުމުން އިސްލާމް ޓީޗަރު ވެސް ކުއްޖާއަށް ބިރުދައްކާ ޖިންސީ ގޯނާކުރިކަމަށާއި އެހެންކަމުން އެ ވާހަކަ އެހެން މީހަކަށް ކިޔައިދޭން ކުއްޖާ ފަސްޖެހިދާނެކަން ގަބޫލުކުރެވޭ ކަމަށް އެ ރައުޔުގައި ވެއެވެ. އަދި ބިރު ދެއްކުމުން ވެސް އެކަން ކުރަން ޖެހިލުންވެދާނެ ކަމަށް އެ ރައުޔުގައި ވެއެވެ.
އެއާއެކު ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރީ ގުރުއާން ޓީޗަރުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކުރުމަށެވެ.