ދުވާލަކު 10،661 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ގާއިމުކުރެވިއްޖެ: ފެނަކަ

ފެނަކައިގެ ނަން ބޯޑެއް: އެ ކޯޕަރޭޝަނުން ވަނީ ދުވާލަކު 10،661 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން އެބަހުރި ކަމަށް ބުނެފަ---

ފެނަކައިން ބަލަހައްޓަމުން އަންނަ މީރުފެން އުފައްދާ ނިޒާމުތަކުން ދުވާލަކު 10،661 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން މިހާރު ލިބިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ، ޖުމްލަ 107 ރަށެއްގައި ފެނުގެ ޚިދުމަތް ދެމުން އަންނައިރު، ފެނަކައިން ބަލަހައްޓަމުން އަންނަ 31،092 އަށްވުރެ ގިނަ ފެނުގެ ކަނެކްޝަން އެބަހުރި ކަމަށެވެ.

އެ ކުންފުނިން ބަލަހައްޓަމުން އަންނަ މީރުފެން އުފައްދާ ނިޒާމުތަކުން ދުވާލަކު 10،661 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން މިހާރު ލިބިފައިވާ ކަމަށާއި ޖުމްލަ 54،943 ޓަނުގެ ފެން މި ރަށްރަށުގައި ހުރި ތާނގީތަކުގައި ރައްކާކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މިއީ ވެސް ކަރަންޓެކޭ އެއްގޮތަށް، ދުވަހުން ދުވަހަށް އޮޕަރޭޝަންތައް ހިންގާ އަދި މޮނިޓާކުރަން ޖެހޭ ޚިދުމަތެއް ކަމަށާއި ފެނަކައިގެ ކުޑަދަށުގައި މި ޒިންމާ އަދާކުރުމުގައި އަވަދިނެތި އޮތީ، ކުންފުނީގެ ވޯޓާ، ސުވަރޭޖް އެންޑް އެންވަޔަމަންޓް ޑިޕާޓްމަންޓް ޑަބްލިއުއެސްއީޑީއެވެ.

ފެނަކައިން ބުނީ، ޚިދުމަތަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމާއި، އިކުއިޕްމަންޓްތައް ސާވިސް ކުރުމާއި ފެނުގެ ކޮލިޓީ ތަހުލީލުކުރުމަކީ ވެސް ޑަބްލިއުއެސްއީޑީގެ ޒިންމާތަކެއް ކަމަށެވެ. އަދި، އެންމެ އިސްކަމެއް ދޭން ޖެހެނީ، މެދުނުކެނޑި 24 ގަޑިއިރު ފެން ފޯރުކޮށްދިނުމަށް ކަމަށާއި ނަމަވެސް މި ކަމަށް ހުރި ގޮންޖެހުންތައް ވެސް ގިނަކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު -- ފޮޓޯ/ ރައީސް އޮފީސް

ފެނަކައިން ވަނީ ރާއްޖެ އުފެދިފައި އޮތްގޮތުން ޚިދުމަތް ދިނުމަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދިނުމަކީ ވެސް ގިނަ ވަގުތާއި، އިތުރު ޚަރަދުތަކެއް ހިނގާ ކަމެއް ކަމަށް ބުނެފައެވެ. އަދި، އިކުއިޕްމަންޓްތައް ސާވިސް ކުރުމާއި، ފެނުގެ ކޮލިޓީ ބެލުމަކީ ވެސް، ވަރަށް މަދު ރަށެއް ފިޔަވައި މާލެއަށް ބަރޯސާވާންޖެހޭ ކަންކަން ކަމަށް ވަނީ ބުނެފައެވެ.

ފެނަކައިން ވަނީ ޚިދުމަތް މެދުނުކެނޑި ދިނުމަށް އޮތް އަނެއް ގޮންޖެހުމަކީ، ރަށްރަށުގައި އޮތް ޑިމާންޑަށް ސަޕްލައި ކޮށްދެވޭނެ ވަސީލަތްތައް ޤާއިމުވެފައި ނެތުން ކަމަށް ބުނެފައެވެ. އެގޮތުން، އެންމެ އާރުއޯ ޕްލާންޓެއް ހުރި ރަށްރަށް ވެސް އެބަހުރިކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

މި ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އެންމެ އާރުއޯ ޕްލާންޓަކުން ޚިދުމަތްދޭ ރަށްރަށަށް އިތުރު ޕްލާންޓްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އެންވާރަމެންޓް މިނިސްޓްރީއާ ގުޅިގެން ޑަބްލިއުއެސްއީޑީން މިހާރު ދަނީ ކުރަމުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އަލަށް ގާއިމުކުރާ ނިޒާމުތަކުގައި ބިލުކުރުމަކާ ނުލައި ގިނަ ދުވަސްތަކެއް ވަންދެން ފެނުގެ ޚިދުމަތް ހިލޭ ދޭންޖެހުމަކީ ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމުގައި ދިމާވާ ބޮޑު ގޮންޖެހުމެއްކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ފެނުގެ ޚިދުމަތް ވެސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ދިނުމަށްޓަކައި، ކުރިން ބިލުނުކޮށް ޚިދުމަތް ދެމުންދިޔަ 22 ރަށެއްގައި، ސެޕްޓެމްބަރު މަހުން ފެށިގެން ބިލުކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށާއި ހަމަޖެހޭ އުސޫލަކަށް މިކަން ބައްޓަންކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ފެނަކައިން ވަނީ އެ ކުންފުނިން ފެނުގެ ޚިދުމަތް ނުދޭ ރަށްރަށަށް ވެސް ހޫނު މޫސުމުގައި ފެން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްފައެވެ. ރަށްރަށުގައި ޤާއިމުކޮށްފައިވާ އިޖުތިމާއީ ފެންތާނގީތައް ފުރާލަދެނީ، އެއްވެސް ރައްޔިތަކު އަސާސީ ޚިދުމަތަކުން މަޙުރޫމުވިޔަ ނުދިނުމަށްޓަކައި ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް