އިތުރު 8 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅަން ހަވާލުކޮށްފި

ފުލުހުންގެ މަރުކަޒު އިތުރު 8 ރަށެއްގައި އަޅަން ތިން ކުންފުޏަކާއި ހަވާލުކޮށްފި:---ޕޮޓޯ/ފުލުހުން

ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އިތުުރު އަށް ރަށުގައި ފުލުހުންގެ މަރުކަޒު ގާއިމުކުރަން ތިން ކުންފުންޏަކާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފުލުހުން ބުނީ، މި އެއްބަސްވުންތަކުގައި ސޮއިކުރީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން އިތުރު ހަ ރަށުގައި އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިތުުރު އެއް ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރަަން ކަމަށެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ފަރާތުން އިތުރު އެއް ރަށުގައި ފުލުހުންގެ މަރުކަޒު ގާއިމު ކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މަޝްރޫޢުތަކަކީ މި މަހު 13 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ސޮއިކުރި އެއްބަސްވުންތަކެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.

އެގޮތުން، ފުލުހުން ބުނީ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާ އެކު މި މަޝްރޫއުގެ ދަށުން އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ފުލުހުންގެ މަރުކަޒު ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ، ޖުމުލަ 83 ރަށެވެ.

މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.

ފުލުހުންގެ މަރުކަޒު އިތުރު 8 ރަށެއްގައި އަޅަން ތިން ކުންފުޏަކާއި ހަވާލުކޮށްފި:---ޕޮޓޯ/ފުލުހުން

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރެވެ. އަދި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖަރު ރިޓަޔާޑް މުޙައްމަދު ނަޖާޙެވެ.

ފުލުހުންގެ މަރުކަޒު އިތުރު 8 ރަށެއްގައި އަޅަން ތިން ކުންފުޏަކާއި ހަވާލުކޮށްފި:---ޕޮޓޯ/ފުލުހުން

ފުލުހުން ބުނީ، މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނޭކަމަށެވެ.

މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުން ވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް