އިސްރާއީލުގެ ކޮންމެ ހަމަލާއަކަށް ރައްދު ދޭން އީރާނުން ތައްޔާރު

އީރާނުން އިސްރާއީލަށް ދިން ހަމަލާއެއްގައި އިސްރާއީލުގެ ސްކޫލެއް ހަލާކުވެފައި --- ފޮޓޯ/އޭއެފްޕީ

އީރާނުން މިދިޔަ ހަފުތާ އިސްރާއީލަށް ދިން ހަމަލާގެ ބަދަލުގައި އިސްރާއީލުން ދީފާނެ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމުގެ ޕްލޭނެއް ތައްޔާރުކޮށްފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

"ޒަޔަނިސްޓުން (އިސްރާއީލުން) ދީފާނެ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމުގެ ޕްލޭން ފުރިހަމައަށް ތައްޔާރުކޮށްފައިވޭ،" ހަތިޔާރު އެޅި ސިފައިންގެ މައުލޫމާތު ލިބިފައިވާ މަސްދަރަކާ ހަވާލާދީ ތަސްނިމް ނޫސް އެޖެންސީން ބުނެފައިވެއެވެ.

އަންގާރަ ދުވަހު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)އިން ވަނީ ތެހެރާނާ ގުޅިފައިވާ ޖަމާއަތްތަކުގެ ލީޑަރުން ހަމަލާތަކުގައި މަރުވުމުން ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް 200 އެއްހާ މިސައިލް ފޮނުވާލައިފައެވެ.

"އިސްރާއީލުން ފިޔަވަޅު އަޅައިފި ނަމަ އީރާނުގެ ކައުންޓާ އެޓޭކެއް ދޭނެ ކަމާމެދު ޝައްކެއް ނޯންނާނެ،" ތަސްނީމް ނޫހުން ބުނެފައިވެއެވެ.

އީރާނު އަތުގައި ހަމަލާ ދޭން ރާވަފައިވާ އިސްރާއީލުގެ ގިނަ އަމާޒުތަކެއްގެ ލިސްޓެއް އޮތް ކަމަށާއި، އަންގާރަ ދުވަހު އީރާނުން އިސްރާއީލަށް ދިން ހަމަލާއިން ދައްކައިދެނީ އީރާނުން ބޭނުންވެއްޖެ ކޮންމެ ތަނެއް ބިމާ ހަމަކޮށްލެވިދާނެކަން ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

އަންގާރަ ދުވަހު އީރާނުން އިސްރާއީލަށް ދިން ދެވަނަ ހަމަލާއަކީ އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުاللهގެ ވެރިޔާ ޙަސަން ނަޞްރުالله އާއި އައިއާރުޖީސީގެ ޓޮޕް ޖެނެރަލް އައްބާސް ނިލްފުރޫޝާން ބެއިރޫތުގައި އަވަހާރަކޮށްލުމާ ގުޅިގެން ދިން ހަމަލާއެކެވެ.

އެއީ ޖުލައި 31 ވަނަ ދުވަހު ތެހެރާނުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ މަރާލި މައްސަލައިގެ ބަދަލު ހިފުމާ ގުޅުން ހުރި ހަމަލާއެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.

comment ކޮމެންޓް