ބޮލީވުޑްގެ މަޝްހޫރު އެކްޝަން ތަރި ސުނިލް ޝެޓީ މުހިއްމު ރޯލެއް ކުޅުނު ފިލްމު "ބޯޑާ"ގެ ދެވަނަ ފިލްމުގެ ޓީމާ ދަރިފުޅު އަހާން ޝެޓީ ގުޅިއްޖެއެވެ.
ސަނީ ޑިއޯލް ލީޑް ރޯލް ކުޅުނު މި ފިލްމަކީ 1997 ވަނަ އަހަރު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. ޖޭޕީ ދައްތާ ޑައިރެކްޓްކުރި ފިލްމު "ބޯޑާ"އަކީ 1971 ވަނަ އަހަރުގެ ތެރޭ އިންޑިއާގެ ލޯންގެވާލާ ބޯޑަރު ސަރަހައްދުގައި ޕާކިސްތާނާ ދެކޮޅަށް ހިނގި ހަނގުރާމައިގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
އެންމެ 10 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 65.75 ކްރޯޑު ރުޕީސް (8 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އަހާން ޝެޓީ ފިލްމާ ގުޅުނުއިރު މި ފިލްމުގެ ކާސްޓުންގެ ތެރޭ ވަރުން ދަވަން އަދި ދިލްޖީތު ދޯސާންޖް ހިމެނެއެވެ. ފިލްމު "ބޯޑާ 2"އާ ގުޅުނުކަން އިއުލާނުކުރަމުން އަހާން ބުނެފައިވަނީ ފިލްމު "ބޯޑާ"އަކީ އޭނާއަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށެވެ.
އެއީ، އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ލެގަސީއެއް ކަމަށާއި މީގެ 29 އަހަރު ކުރިން ފިލްމު "ބޯޑާ"އާ ގުޅިފައިވާ ކަމަށް އަހާން ވަނީ ބުނެފައެވެ. އަހާންގެ ބައްޕަ ސުނިލް "ބޯޑާ"ގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު މަންމަ، މާނާ ޝެޓީ އެ ފިލްމުގެ ސެޓަށް ދަތުރުތަކެއް ކުރި ކަމަށާއި އޭރު މަންމަ އިނީ އަހާނަށް ބަލިވެ، ކަމަށް ޒުވާން އެކްޓަރު ވަނީ ބުނެފައެވެ.
އޭރު ވެސް ޖޭޕީ ދައްތާގެ ވާހަކަތައް އަޑުއިވިފައި ހުންނާނެ ކަމަށް ބުނަމުން އަހާން ބުނީ "ބޯޑާ 2"އިން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އިއްތިފާގެއް ކަމަށާއި އެކްޓަރެއްގެ ހައިސިއްޔަތުން ލިބުނު ޝަރަފެއް ކަމަށެވެ. ފިލްމު "ބޯޑާ 2" ވެގެންދާނީ 2021 ވަނަ އަހަރު އަހާން ފިލްމު އިންޑަސްޓްރީއަށް ތަޢާރަފުވި ފިލްމު "ތަޅަޕް"އަށް ފަހު ސޮއިކުރި ދެވަނަ ފިލްމަށެވެ.