ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ރީނދޫ ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން 15:00 އަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.
އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބަރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަ ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މެޓުން ވަނީ، ހއ. އިން ލ. އަތޮޅުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މީގެ އިތުރުން، ރާއްޖެ ހިމެނޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށް މެޓުން ބުންޏެވެ.
ކުރިއަށް އޮތް ފަސް ދުވަހު މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، ދެކުނުގެ އަތޮޅުތަކަށް 13 މޭލައި 23 މޭކު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓުން ބުނި ގޮތުގައި، ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވެސް ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭއިރު، ގަދަވަޔާ އެކު ބޯކޮށް ވާރެވެހޭނެ ކަމަށާއި ގުރުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން، ހުރިހާ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ. ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އެދިފައިވެއެވެ.