އަންހެނުންނަށް އިހުތިރާމުނުކުރާ ކަމަށް ބުނެ ކަޕިލް ޝަރުމާއަށް ފާޑުކިޔުން

ކަޕިލް ޝަރުމާ އަދި އަމިތު އާރިޔަން--ފޮޓޯ/ފިލްމުފެއަ

ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ ކޮމީޑިއަން އެކްޓަރު ކަޕިލް ޝަރުމާއަށް އިންޑިއާގެ ލިޔުންތެރިޔާ އަމިތު އާރިޔަން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ކަޕިލަށް ފާޑުކިޔަމުން އަމިތު ބުނެފައިވަނީ ކަޕިލަކީ އެއްވެސް ވަރަކަށް އަންހެނުންނަށް އިހުތިރާމްކުރާ މީހެއް ނޫންކަމަށެވެ. ހަމައެއާއެކު ކަޕިލް ގެނެސްދޭ ކޮމެޑީ ޝޯތަކަކީ މިހާތަނަށް އިންޑިއާގެ ތާރީޚުގައި ވެސް އުފެއްދި އެންމެ ކަމުނުދާ ޝޯތައް ކަމަށް އަމިތު ވަނީ ބުނެފައެވެ.

ކަޕިލްގެ ޝޯތަކުގައި ބައިވެރިވާ މެހެމާނުންނަށް ރައްދުވާގޮތަށް ޖޯކުޖެހުމަކީ އެ ޝޯއިން ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށާއި އެކަން ހުއްޓާލަންޖެހޭ ކަމަށް އަމިތު ވަނީ ބުނެފައެވެ.

އަމިތަކީ ކޮމެޑީ ކޮންޓެންޓް އުފެއްދުމުގެ ދާއިރާގައި ކަޕިލަށް ވުރެ މާ ތަޖުރިބާހުރި މީހެއްކަމުން ކަޕިލްގެ ޝޯއަށް ފާޑުކިޔުމުގެ ފުރުސަތު އޭނާއަށް އެބައޮތް ކަމަށް ވަނީ ބުނެފައެވެ.

ކަޕިލް ޝަރުމާ ގެނެސްދޭ ކޮމެޑީ ޝޯގެ ޓީމް މެމްބަރުން--ފޮޓޯ/ޕިންކްވިލާ

ކޮންމެ ގައުމަކަށް ނިސްބަތްވި ނަމަވެސް އަންހެނުންނަކީ އިހުތިރާމު ލިބެންޖެހޭ ބައެއް ކަމަށާއި ނަމަވެސް ކަޕިލްގެ ޝޯއިން ފެންނަ މަންޒަރު ތަފާތު ކަމަށް އަމިތު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. އެއާ ޚިލާފަށް އެ ޝޯގައި ފެންނަނީ 'ބޮޑީ ޝޭމް' ކުރާ މަންޒަރު ކަމަށާއި ހަގީގީ ކޮމެޑީއަކީ އެއީ ނޫން ކަމަށް އަމިތު ވަނީ ބުނެފައެވެ.

ކަޕިލްގެ ކޮމެޑީ ޝޯގެ ކާމިޔާބީގެ ފަހަތުގައި ވަނީ ކަޕިލް އެކަނި ނޫންކަން ފާހަގަކުރަމުން އަމިތު ބުނީ، އެ ޝޯގެ ހަގީގީ ކާމިޔާބުވެރިންނަކީ ޓީމްގެ އެހެން މެންބަރުން ކަމަށެވެ. އެކަން ކަޕިލް ނެޓްފްލިކްސްއިން ގެނެސްދިން "އައިއެމް ނޮޓް ޑަން ޔެޓް"އިން ސާބިތުވި ކަމަށް އަމިތު ވަނީ ބުނެފައެވެ.

އެ ޝޯއަށް ލިބުނު ފިނި ތަރުހީބާ އެކު ކަޕިލް މިހާރު ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ ކޮމެޑީ ޝޯ ގެންނަން ނިންމީ ޓެލެވިޒަން ޝޯގެ ޓީމާ އެކު ކަމަށް ލިޔުންތެރިޔާ އަމިތު ބުނެފައިވެއެވެ.

ކަލާސް ޓީވީ މެދުވެރިކޮށް ކަޕިލްގެ ޝޯތައް 2013ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އަންނައިރު ކަޕިލްގެ ކޮމެޑީ ޝޯތައް މިހާރު ޕްރީމިއާކުރަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ނެޓްފްލިކްސް މެދުވެރިކޮށެވެ.

comment ކޮމެންޓް