ޓެލެވިޒަން ޑްރާމާ ތަކުންނާއި ބައެއް ފިލްމުތަކުން ވެސް މި ފަހަކަށް އައިސް ފެންނަ އެކްޓަރު ރާމް ކަޕޫރު ހަށިގަނޑަށް ގެނައި ބޮޑު ބަދަލާ އެކު އަނެއްކާ ވެސް ބެލުންތެރިން ހައިރާން ކުރުވައިފިއެވެ.
ޢުމުރުން 51 އަހަރުގެ އެކްޓަރު ދާދިފަހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުން އޭނާގެ ފިޓްނެސް ދަތުރު ވަރަށް ރަގަޅަށް ދައްކުވަދީފި ކަމަށް ބައެއް ސަޕޯޓަރުން ވަނީ ބުނެފައެވެ. ފިލްމު "ޔުދްރާ"ގެ ރޯލަކުން އެންމެ ފަހުން ފެނުނު އެކްޓަރު ސޯޝަލް މީޑިއާ އާއި ތަންކޮޅެއް ދުރުގައި އުޅޭތާ ވެސް ވަރަށް ދުވަސްވެއްޖެއެވެ.
އަންހެނުން ގޯތަމީ ކަޕޫރާއެކު އިންސްޓަގްރާމްގައި ދާދިފަހުން ޕޯސްޓުކުރި ފޮޓޯއާއެކު ރާމް ބުނެފައި ވަނީ، ސޯޝަލް މީޑިއާއިން ދުވަސްގަނޑަކަށް ދުރުހެލިވެލީ އަމިއްލަ ނަފުސަށް ވަގުތުދީ ވަރަށް މުހިއްމު މަސައްކަތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ރާމްއަށް އިންތިޒާރު ކުރި ސަޕޯޓަރުންގެ ކިބައިން އެކްޓަރު ވަނީ އެކަމަށް މައާފަށް ވެސް އެދިފައެވެ.
ރާމްގެ މި ޕޯސްޓާ އެކު ވަރަށް ގިނަ ސަޕޯޓަރުން ވަނީ ހަށިގަނޑުގެ ބަރުދަނަށް ގެނައި ކުއްލި ބަދަލާ އެކު މަރުހަބާ ކިޔާފައެވެ. ބައެއް ސަޕޯޓަރުން ބުނިގޮތުގައި ރާމްގެ ފިޓްނެސް ދަތުރަކީ ވަރަށް ގިނަ ބަޔަކަށް ބަރުދަން ލުއިކުރުމަށް ލިބުނު ހިތްވަރެއް ކަމަށާއި ނަމަވެސް ސޮނީގެ ޑްރާމާ ސީރީސް "ބަޅޭ އައްޗޭ ލަގްތޭ ހޭ"އިން ފެނުނު ރާމް ވެސް ހުތުރު ނޫން ކަމަށެވެ. ރާން ވަނީ މީގެ ހަތަރު އަހަރު ކުރިން ވެސް ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ލުއިކޮށް 20 ކިލޯ އާއި 30 ކިލޯއާ ދެމެދުގެ ބަރުދަން ހިއްކާލާފައެވެ.
އޭރު އެކްޓަރު ބުނެފައި ވަނީ ހަ މަސް ދުވަސް ވަންދެން މަސައްކަތާއި ދުރުގައި ހުރެ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ބޭނުންކުރި ފޯމިއުލާ އަކީ 'އިންޓަމިޓެންޓް ފާސްޓިންގް' ކަމުގައެވެ. އޭރު އީޓައިމްސްއަށް ދިން އިންޓަވިއުގައި ރާމް ބުނީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެއްވެސް މެޑިކަލް ސާޖަރީއެއް ނުހަދާ ކަމަށާއި އޭނާ އަކީ އަބަދުވެސް ގުދުރަތީ ގޮތުން ކަންކަން ކުރުމަށް ލޯބިކުރާ މީހެއް ކަމަށެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން ރާމްގެ ހަށިގަނޑުން 42 ކިލޯ ލުއިކޮށްފައިވާއިރު މިފަހަރު ބަރުދަން ލުއިކުރުމަށް ބޭނުންކުރީ ކޮން އުކުޅެއް ކަމާއި އޭގެ ސިއްރު އަދި ހާމަކޮށްފައެއް ނުވެއެވެ.