ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމު "ކިލް ދިލް"އިން ބޮލީވުޑަށް ތައާރަފްވި ޒުވާން އެކްޓަރު ލަކްޝްޔަ އެ ކުންފުނީގެ އިތުރު އެކްޝަން ތުރިލާއަކަށް ސޮއިކޮށްފިއެވެ.
ލަކްޝްޔަ ފިލްމީ ދާއިރާއަށް ތައާރަފްވި "ކިލް"އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު މިއީ ދަރުމާގެ ފަރާތުން ލަކްޝްޔައަށް ހުށަހެޅުނު ތިން ވަނަ ފިލްމެވެ.
ފިލްމު "ކިލް"އަށް ފަހު ލަކްޝްޔަ ވަނީ ދަރުމާއިން އުފައްދާ ވަރަށް ރީތި ލޯބީގެ ފިލްމެއް ކަމަށްވާ "ޗާންދު މޭރާ ދިލް"އަށް ސޮއިކޮށްފައެވެ. މި ފިލްމުން ލަކްޝްޔައާއެކު ބަތަލާގެ ރޯލްއިން ފެންނާނީ އަނަންޔާ ޕާންޑޭއެވެ.
ލަކްޝްޔަ އަލަށް ސޮއިކުރި ފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް އުފައްދާ މުޅީން ތަފާތު ވައްތަރެއްގެ ތުރިލާ ފިލްމެކެވެ. މި ފިލްމު ރަސްމީކޮށް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަކްޝްޔަ އިތުރު ފިލްމަކަށް ސޮއިކުރި ކަމަށް ރިޕޯޓުތަކުން ބުނަމުން އަންނައިރު އެކްޓަރު ވަނީ ވެބް ސީރީސްއަކަށް ސޮއިކޮށްފައި ކަމަށް ވެސް ބައެއް ފިލްމީ ޚަބަރުތައް ބުނެއެވެ. މިއީ ލަކްޝްޔަގެ ފިލްމީ ކެރިއަރު މުޅީން ބަދަލުކޮށްލާނެ ފެންވަރުގެ ވެބް ސީރީސްއެއް ކަމަށާއި އޭނާ މިހާރު ސޮއިކޮށްފައިވާ ފިލްމުތަކަށް ބަލާއިރު ލަކްޝްޔަ ވާނީ މި ފަހުން އިންޑަސްޓްރީއަށް ތައާރަފުވި އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު އެކްޓަރަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ދަރުމާ ކުންފުނިން ގެނެސްދިން ފިލްމު "ކިލް"އަކީ ނިކިލް ނާގޭޝް ބަޓް ޑައިރެކްޓްކޮށް ކަރަން ޖޯހަރު އަދި ގުނީތު މޯންގާ ޕްރޮޑިއުސްކުރި ފިލްމެކެވެ. މި ފިލްމުގެ ހޮލީވުޑް ރިމޭކްއެއް އުފައްދަން އެމެރިކާގެ ފިލްމު ކުންފުންޏަކުން ޝައުގުވެރިވާ ކަމަށް ބުނެފައިވާއިރު މިއީ މި ފިލްމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ކަރަން ވަނީ ބުނެފައެވެ.