ދިވެހިންގެ ހުރިހާ އަސާސުތައް ފެށިގެން އަންނަނީ އިސްލާމްދީނުން: މިނިސްޓަރު އާދަމް ނަސީރު

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް: ވިދާޅުވީ ދިވެހިންގެ ހުރިހާ އަސާސުތައް ފެށިގެން އަންނަނީ އިސްލާމްދީނުން ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

ދިވެހިންގެ ހުރިހާ އަސާސްތައް ފެށިގެން އަންނަނީ އިސްލާމްދީނުން ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، ތާރީޚުގައި އެންމެ ބޮޑު ހެޔޮ އިންގިލާބީ ބަދަލެއް އައި ދުވަހަކީ ރާއްޖެ އިސްލާމް ވި ދުވަސް ކަމަށެވެ.

އެއީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ހެޔޮ މަގަށް އެނބުރުނު ދުވަސް ކަމަށާއި ރާއްޖޭގެ އިލްމުވެރިކަން ލިޔެވެން ފެށީ ރާއްޖެ އިސްލާމްވުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގައި އިސްލާމް ދީނަށް އިސްކަން ދެއްވާކަން ފާހަގަކުރައްވައި އާދަމް ނަސީރު ވިދާޅުވީ، ދިވެހީންގެ ދިރިއުޅުމުގެ އެންމެ އިސް ކުރި ބޯއްޓަކީ އިސްލާމް ދީން ކަމަށެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން: ރައީސް މުއިއްޒާއި ވަޒީރު އާދަމް ނަސީރު --- ފޮޓޯ/ ރައީސް އޮފީސް

ދީނަށް އިސްކަންދޭކަން ހަމާވާ މިސާލެއްގެ ގޮތުން، މިނިސްޓަރު ވިދާޅުވީ، ކިޔަވާ ފިލާ ހަދަނީ ގަހަކު ކަނޑާ މުލަކުން ކަމަށްވާއިރު އެ މޫ ކެނޑުމުގައި ގިބްލައާ ދިމާލަށް ދުވެފައި ހުންނަ މުލަށް ބަލާފައިވާ ކަމަށެވެ.

އިސްލާމް ދީނަކީ ދިވެހީންގެ ދިރިއުޅުމުގައި އެ މީހުންގެ ހުރިހާ ކަމެއްގައި އެންމެ އުހުގައި އޮތް އެ މީހުންގެ ދިރިއުޅުމުގެ ހަގީގަތެއް. ދިވެހިންގެ ވިސްނުމުގެ ހަގީގަތް ގުޅިފައި ވަނީ މާތްވެގެންވާ އިސްލާމްދީނާ. ދިވެހިންގެ ހުރިހާ އަމަލުތައް ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ އަސާސުތައް ފެށިގެން އަންނަނީ މާތްވެގެންވާ އިސްލާމްދީނުން. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް

ދިވެހީން މިސްކިތްތައް ބިނާކުރުމުގައި ބޭނުންކޮށްފައި ހުންނަނީ ގެދޮރާއި ތަފާތު ފަންނީ ކަންކަން ކަމަށާއި މިސްކިތެއް ރޫޅާލާ ހާލަތުގައި ވެސް އެތަނުގައި ބޭނުން ކޮށްފައި ހުރި ވަކަރު އެހެން ކަންކަމަށް ބޭނުންނުކުރާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ މިސާލުތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، ދީނާ ގުޅުން ހުރި އެތައް ކަމެއް ދިވެހިންގެ ދިރިއުޅުމުން ފެންނަން އެބަ ހުރި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެ އިސްލާމް ވިތާ 800 އަހަރު ވަނީ ވެފައެވެ.

comment ކޮމެންޓް