ސަލްމާންގެ ފިލްމު 'ކިކް2' އުފައްދާނެކަން ކަށަވަރުވެއްޖެ

ފިލްމު "ކިކް"ގެ މަންޒަރެއްގައި ސަލްމާން އަދި ޖެކްލީން--ފޮޓޯ/ޕިންކްވިލާ

ސަލްމާން ޚާންގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމު ކަމަށްވާ ފިލްމު "ކިކް"ގެ ދެވަނަ ފިލްމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ބުނެފިއެވެ.

ފިލްމު "ކިކް2"އަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފޮޓޯޝޫޓުގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކުރަމުން ސާޖިދު ބުނެފައި ވަނީ "ކިކް"ގެ ސިކަންދަރުގެ ފޮޓޯ ޝޫޓު ނިންމާލީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. ސަލްމާން ޚާންގެ މި ފޮޓޯއާ އެކު ފިލްމުގެ މަސައްކަތް ފަށަށް ސާޖިދުގެ ޓީމުން ތައްޔާރަށް އޮތްކަން ވަނީ ބެލުންތެރިންނަށް ކަށަވަރުކޮށްދީފައެވެ.

މި ފިލްމު އުފައްދާނެކަން ސާޖިދު ކަށަވަރުކޮށްދިންއިރު ފިލްމުގެ ދެވަނަ ބައެއް އުފައްދާނެކަމުގެ ކަށަވަރު ޚަބަރަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ.
ބެލެވޭ ގޮތުގައި ފިލްމު "ކިކް2"ގެ މަސައްކަތް ސަލްމާން ފަށާނީ މިހާރު ފަށާފައިވާ ސާޖިދުގެ ފިލްމު "ސިކަންދަރު"ގެ މަސައްކަތް ނިންމާލުމަށްފަހުއެވެ.

ފިލްމު "ކިކް"އަކީ ސާޖިދު ނަދިއަދުވާލާ އަލަށް ޑައިރެކްޓްކުރި ފުރަތަމަ ފިލްމެކެވެ. މި ފިލްމަކީ ސަލްމާން ޚާންގެ ފިލްމީ ކެރިއަރުގައި ވެސް 200 ކްރޯޑު ކްލަބުން ޖާގަ ހޯދި ފުރަތަމަ ފިލްމެވެ.

ފިލްމު "ކިކް2"ގެ ފޮޓޯ ޝޫޓުގެތެރެއިން ސާޖިދު އާއްމުކުރި ފޮޓޯ--ފޮޓޯ/ބޮލީވުޑްހަންގާމާ

ސަލްމާން ޚާންއާ އެކު 2014 ވަނަ އަހަރު ރިލީޒްވި ފިލްމުން ބަތަލާގެ ރޯލްއިން ފެނުނީ ޖެކްލީން ފެނާންޑެޒްއެވެ. ފިލްމު "ކިކް2" ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު ދެވަނަ ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނީ ކޮން ތަރިއެއްކަން ކަށަވަރެއް ނުވެއެވެ.

ކާމިޔާބު ޕްރޮޑިއުސަރު ސާޖިދުގެ ތިން ފިލްމެއް އަންނަ އަހަރު ރިލީޒްކުރާގޮތަށް ވަނީ ތާވަލުކުރެވިފައެވެ. އެއީ ޒުވާން އެކްޓަރު އަހާން ޝެޓީ ލީޑް ރޯލް ކުޅޭ ފިލްމު "ސާންކީ"، "ސިކަންދަރު" އަދި ބޮޑު ކާސްޓެއް ހިމެނޭ ހެއްވާ މަޖާ ފިލްމު "ހައުސްފުލް 5"އެވެ.

comment ކޮމެންޓް