ނެޓްފްލިކްސް މެދުވެރިކޮށް 2022 ވަނަ އަހަރު ޕްރީމިއާކުރި ރިއަލިޓީ ޓެލެވިޒަން ސީރީސް "ފެބިއުލަސް ލައިވް އޮފް ބޮލީވުޑް ވައިވްސް"ގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތައް ހުޅުވުނު ކަމަށް ކުރީގެ ބަތަލާ ނީލަމް ބުނެފިއެވެ.
ބޮލީވުޑް އިންޑަސްޓްރީއަށް ނިސްބަތްވާ ބައެއް އެކްޓަރުންގެ އަނބިންތަކެއްގެ ޕޮޝް ލައިފްސްޓައިލް ދައްކުވައިދޭ މި ޝޯގެ މިހާތަނަށް ދެ ސީޒަނެއް ވަނީ ޕްރީމިއާކޮށްފައެވެ. ނީލަމް އަކީ މި ޝޯއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެއް ބަތަލާއެވެ.
ކަރަން ޖޯހަރުގެ ދަރުމާ ކުންފުނީގެ ވެބް ކޮންޓެންޓް ގެނެސްދޭ ދަރުމެޓިކް އެންޓަޓެއިންމަންޓުގެ މި ޝޯގެ ސަބަބުން ނީލަމްއަށް ފިލްމީ ދާއިރާއިން ވެސް ގިނަ ދޮރުތަކެއް ހުޅުވުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އިންޑިއާގެ ސިނަމާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރުމަށްފަހު ނީލަމް އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ 2001 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކަސަމް"އިންނެވެ. ފިލްމީ ދާއިރާއިން ދުރަށް ދިޔުމަށްފަހު ނީލަމް ފެނުނީ ގަހަނާގެ ވިޔަފާރީގައި ޖުވެލަރީ ޑިޒައިންރެއްގެ ގޮތުގައެވެ.
ނީލަމްގެ އަމިއްލަ ގަހަނާ ވިޔަފާރި ކަމަށްވާ 'ނީލަމް ޖުވެލްސް'އަށް ވެސް ވަރަށް ބޮޑު ފައިދާއެއް ލިބި ނީލަމްގެ ބްރޭންޑް ވަރަށް ބޮޑަށް މަޝްހޫރުވެގެންދިޔަ ކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ. ފިލްމު އިންޑަސްޓްރީއިން ފުރުސަތުތައް ބަތަލާއަށް ލިބެމުން އަންނައިރު ދާދިފަހުން އެމޭޒަން ޕްރައިމްއިން ގެނެސްދިން ވެބް ސީރީސް "މޭޑްއިން ހެވަން"އިން ވެސް ނީލަމް ވަނީ ފެނިފައެވެ.
ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެތެރޭ ނީލަމް އަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދި ފިލްމީ ތަރިއެކެވެ. މިހާރުގެ ޒުވާނުންގެ މެދުގައި ވެސް ނީލަމްއަކީ ބީރަށްޓެހި ނަމަކަށް ނުވާއިރު އެކަމުގެ ޝުކުރު ހައްގު ވަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ކަމަށް ނީލަމް ވަނީ ބުނެފައެވެ.
މި ޝޯގެ ތިން ވަނަ ސީޒަން މި މަހުގެ 18 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެކަން އިއުލާނުކޮށްފައިވާއިރު ތިން ވަނަ ސީޒަންއިން މުޅީން އާ މޫނުތަކެއް ފެންނާނެއެވެ. އޭގެތެރޭގައި ކުރީގެ ފިލްމީ ތަރިން ކަމަށްވާ ނީތޫ ކަޕޫރާއި ރިޝީ ކަޕޫރުގެ އަންހެން ދަރިފުޅު ރިދިމާ ކަޕޫރު ވެސް ހިމެނެއެވެ.