ބްރޯޑްކާސްޓު ކުރުމުގެ އަމާޒަކަށް ވާންވީ ގައުމުގެ ހައްގުގައި ވަކާލާތުކުރުން: ރައީސް

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންވީ ގައުމުގެ ހައްގުގައި ވަކާލާތުކުރުން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވީ ދިވެހި ގައުމުގެ ހައްގުގައި ވަކާލާތުކުރުން ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބްރޯޑްކާސްޓްކުރުމަކީ އަމާނާތެއް ކަމަށާއި، މަސްއޫލިއްޔަތެއްކަން ވެސް އެ މެސެޖުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންވެ، ރައީސް ވިދާޅުވީ، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވީ ގައުމުގެ ހައްގުގައި ވަކާލާތުކުރުން ކަމަށެވެ.

މި އަހަރުގެ ބްރޯޑްކާސްޓް ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މާދަމާގެ ތަޞައްވުރު: ބްރޯޑްކާސްޓިންގެ މުސްތަގުބަލު ބައްޓަންކުރުން" އެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހަކީ، ގައުމު ބިނާކުރުމާއި، ޑިމޮކްރެސީ ހަރުދަނާކުރުމާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްގީއަށް މަގުފަހިކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

މި ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގައި ވެސް އޮކްޓޯބަރު މަހުގެ ހަތަރުވަނަ ވަނަ ދުވަހުއެވެ.

comment ކޮމެންޓް